ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒަށް ވަނުމަށް ބޭނުންވާ ފާސް ހޯދުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމުން އެ ފާސް މިހާތަނަށް ފޮރިން މިނިސްޓްރީން ދީފައިނުވާ ކަމަށް އެމަނިކުފާނުގެ އޮފީހުން ބުނެފިއެވެ.

އދ. ގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ނަޝީދު މިވަގުތު ވަޑައިގެން ހުންނެވީ ނިއުޔޯކުގަ އެވެ.

ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ނަޝީދަށް އެ ތަނަށް ވަދެވަޑައިގަތުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. ނަމަވެސް، އަބަދުވެސް ދިވެހި ދިދަ އާއި ނިޝާން ޖެހި ފާހުގައި ތަމްސީލުވާން ނަޝީދު އެދިވަޑައިގަންނަވާ ކަމަށާއި ރާއްޖޭގެ ފޮރިން މިނިސްޓްރީގައި އެ ފާސް ހޯދުމަށް އެދިވަޑައިގަތީ އެ ސަބަބާ ގުޅިގެން ކަމަށް އެމަނިކުފާނުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

"ދައުލަތާއި ސަރުކާރުގެ ވެރިކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައި ތިއްބާވާ ބޭބޭފުޅުން، އެ ބޭފުޅަކު ނިސްބަތްވެވަޑައިގަންނަވާ ގައުމެއްގެ ފުށުން ހައިސިއްޔަތުން ލިބިވަޑައިގެން، ބައިނަލްއަގުވާމީ ރަސްމީ ޖަލްސާތަކާއި، ހަފްލާތަކުގައި ބައިވެރިވެވަޑައިގަތުމަކީ ބައިނަލްއަގުވާމީ ދަނޑުގެ އާދަކާދަ،" ނަޝީދުގެ އޮފީހުން ބުނެފައިވެއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިކަމާ ގުޅޭގޮތުން ވަކި އެއްޗެއް އަދި ނުބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު