އިސްލާމްދީނުގެ ހިދާޔަތަކީ ދިވެހީންނަށް ލިބުނު އެންމެ ފުރިހަމަ އަދި އެންމެ އަގުހުރި ނިއުމަތް ކަމަށްެ އެމްޑީއޭގެ ރައީސް، އަދި މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ އުފާވެރި މުނާސަބަތުގައި، އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ވަނީ ދިވެހި ރައްޔިތުންނާއި ޕާޓީގެ އެންމެހައި މެންބަރުންނަށް ހޫނު ތަހުނިޔާއާއި މުބާރިކުބާދީ އަރިސްކުރައްވާފައެވެ. އަދި މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ހިދާޔަތް ދިވެހީންނަށް މިންވަރުކުރެއްވި ކަމަށްޓަކައި މާތްﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރު ދަންނަވާފައިވެއެވެ.

ރާއްޖެ އިސްލާމްވި ދުވަހާއި ގުޅުވައިގެން ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ދެއްވި ޚިޠާބުގައި ވިދާޅުވީ، މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތަކީ ދިވެހީންނަށް ލިބުނު އެންމެ ފުރިހަމަ އަދި އެންމެ އަގުހުރި ނިޢުމަތް ކަމަށެވެ. އަދި މި ނިޢުމަތް ގެނެސްދެއްވުމުގައި މެދުވެރިންގެ ގޮތުގައި މިންވަރުކުރެއްވި އެންމެހައި ފަރާތްތަކުގެ ޒިކުރާ އާކުރުމުގެ މުހިންމުކަން ޝިޔާމްގެ ޚިތާބުގައި ފާހަގަކުރައްވާފައިވެއެވެ.

"އެހެންކަމުން، ދިވެހިރާއްޖެ އިސްލާމްކުރެއްވުމުގައި މެދުވެރިއަކަށްވި މަޣްރިބުކަރައިގެ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީއާއި، އޭރުގެ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރަސްގެފާނު އައްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ ސިރީ ބަވަނާދީއްތަ މަހާރަދުންގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ލެއްވުން އެދި ދުޢާ ދަންނަވަމެވެ." ސިޔާމްގެ ޚިތާބުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ސިޔާމް ވިދާޅުވީ އިސްލާމްދީނުގެ މަތިވެރި ނިޢުމަތަކީ ދިވެހީންގެ ގައުމިއްޔަތުގެ އެންމެ މުހިންމު ރުކުން ކަމަށާއި، ދިވެހީން ދެކެމުންދާ މިނިވަންކަމާއި އެއްބައިވަންތަކަމުގެ އަސާސަކީވެސް އިސްލާމްދީން ކަމުގައެވެ.

ރާއްޖެ އިސްލާމްވީއްސުރެ ދިވެހި ކާބަފައިން ވަނީ، މި ދީނުގެ ފަރުޟުތަކަށް ރައްކާތެރިވެ، ދީނުގެ މަތިވެރި ޝިއާރުތައް ނަގަހައްޓައި ދެމެހެއްޓުމަށް ގަދައަޅައި މަސައްކަތްކޮށް، ޖާނާއި މާލުން ގުރުބާންވެފައިކަން ސިޔާމް ފާހަގަކުރެއްވިއެވެ. އަދި އެކަން ހަނދާންކުރުންމަތީ ދެމިތިބުމަށް ސިޔާމް ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން ސިޔާމް ވަނީ، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުންދާ ލާއިންސާނީ އަނިޔާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފައެވެ. އަދި ފަލަސްތީނުގެ އުޚުއްވަތްތެރި ރައްޔިތުންނަށް އެބައިމީހުންގެ ހައްގުތައް ކަށަވަރުކޮށްދީ، ފަލަސްތީނުގެ މިނިވަން ދައުލަތެއް ވީހާވެސް އަވަހަކަށް ގާއިމުކޮށްދިނުމަށް ބައިނަލްއަގުވާމީ އެންމެހާ އިދާރާތަކާއި ހުރިހާ އިސްލާމީ ގައުމުތަކަށް ސިޔާމް ވަނީ ގޮވައިލައްވާފައެވެ.

ރާއްޖެ އިސްލާމްވީ ހިޖުރީ ސަނަތުން 548ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހެވެ. އެއީ މީލާދީ ސަނަތުން 1153ވަނަ އަހަރެވެ. ރާއްޖޭގައި ރަސްމީ ގޮތުން މި ދުވަސް ފާހަގަކުރަނީ ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހެވެ.



ކިޔުންތެރިންގެ ހިޔާލު