އިސްލާމީ ވަރުގަދަ ދައުލަތެއްގެ ގޮތުގައި އަދި އިސްލާމީ އުންމަތުގެ ދިފާޢުގައި އިސްނަގާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެކަމަށްރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވިދާޅުވީ ދިވެހީންގެ ޤައުމީ ޙަޔާތަށް އެންމެ ހެޔޮ ބަދަލެއް ގެނުވި އިލާހީ ނިޢުމަތަކީ، ދިވެހި ހުރިހާ ރައްޔިތުން އިސްލާމްދީން ޤަބޫލުކޮށް، ދިވެހީންގެ އުޅުމާއި ގުޅުންތައް އެ މާތް ދީނުގެ އުޞޫލުތަކުގެ މައްޗަށް އަނބުރައިލުންކަމީ ޝައްކެއް އޮތްކަމެއް ނޫން ކަމަށެވެ.

އެގޮތުން މީގެ 899 އަހަރުކުރީން ރާއްޖެ އިސްލާމްވީ ހާދިސާއިން ގިނަގުނަ ޢިބްރަތްތައް ލިބިގެންދާކަމަށާއި، އެ ދުވަހުއްސުރެ 9 ޤަރުނު ފާއިތުވަމުން މިދަނީ ސައްތައިން ސައްތަ މުސްލިމުންގެ ގޮތުގައި ދިވެހީން ތިބެ، އިސްލާމްދީން ނޫން އެހެން ދީނަކަށް މި ބިމުން ޖާގަނުދީ، އަދި އިސްލާމީ އުސޫލުތަކާ ބީރައްޓެހި ކޮންމެ ކަމެއް މި ފަސްގަނޑުން ލުހެލުމުގެ ސާބިތު ޢަޒުމާއެކުކަން ރައީސް ވަނީ ހަނދާންކޮށްދެއްވާފައެވެ.

ރާއްޖެ އިސްލާމްވުމަށް މެދުވެރިކުރެއްވި ޙިކްމަތްތެރި ޢިލްމުވެރިޔާ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީއާއި، އެ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް އިސްލާމްދީނުގެ ޝިޢާރުތައް މި ދީބުގައި ނެގެހެއްޓެވި ރަސްރަސްކަލުންނާއި، ވެރީންނާއި، ޢާލިމުންނާއި، އެދުރުންނާއި، ހެޔޮކަންކަމަށް މަގުދެއްކެވުމުގައި ހިންމަތްކުރެއްވި ކޮންމެ މުރައްބީއެއްގެ ޛިކުރާ އައުކޮށް، މާތް ﷲގެ ރުއްސެވުމާއި ފުއްސެވުމުގައި އެއިން ކޮންމެ އަޚަކާއި އުޚްތަކުމެ ލަހައްޓަވައި، ދަރުމަ އިތުރުކޮށްދެއްވުން އެދި ރައީސް ވަނީ ހެޔޮ ދުޢާކުރައްވާފައެވެ.

ރައީސް ވިދާޅުވީ، އިސްލާމްދީން ބިނާކޮށްދެނީ އަޚްލާޤް ރަނގަޅު ހެޔޮލަފާ އިންސާނެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ނަބަވީ ރިސާލަތު ފެތުރުއްވެވުމުގައި އެންމެ ގިނަ ވަގުތު ހޭދަކުރެއްވީ، އިސްލާމީ ޢަޤީދާއާއި، ރިވެތި އުޅުމާއި، މުޢާމަލާތު ދަސްކޮށްދެއްވުމުގައި ކަމަށް ރައީސް ވިދާޅުވިއެވެ. މިކަމަށް އިޝާރާތް ކުރައްވައި، ދިވެހިރާއްޖޭގެ ކަންކަން ހެޔޮ މަގުން ހިންގުމުގައި ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ، ޢުމްރާނީ ތަރައްޤީ ޤައުމަށް ގެންނަ ފަދައިން، ލަފާދާރު ދިވެހި ރައްޔިތެއް ބިނާކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ތަޢުލީމާއި ތަރުބިއްޔަތު ދަރީންނަށް ދިނުމާއި، އެކަކު އަނެކަކާ ރީތި ބަހުން މުޚާޠަބުކުރާ، ދީނަށް ލޯބިކުރާ، އެއްބައިވަންތަ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން މި ވޭތުވި 9 ޤަރުނުގެ ތެރޭ، ދިވެހީންނާމެދު އެކި ދިރާސާތައް ކުރެއްވި ބޭރުގެ މުއައްރިޚުން އެއްބަސްވާ އެއް ޙަޤީޤަތަކީ، ދިވެހީންނަކީ މެހުމާނުންނަށް ކަމޭހިތާ، އަމާންކަމާއި ހަމަޖެހުން ނަގަހައްޓާ، ސާފުތާހިރު، އުޅުންހުރި، ގޮތްހުރި ބައެއްކަން ރައީސްގެ ޚިތާބުގައި ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ރީތިކަން އެތައް ގުނައަކަށް ބަބުޅާ ވިދަނީ، އަދި ރާއްޖޭގެ ހިތްގައިމުކަން ދެވަނައެއް ނެތް މިސާލެއްގެ ގޮތުގައި ދުނިޔެއަށް ފެންނަނީ، ދިވެހީންގެ ކިބައިގައި ޒަމާނުއްސުރެ އަށަގެންފައިވާ އިސްލާމީ އަޚުލާޤުގެ މި ދެންނެވި ރީތި ސިފަތަކާވެސް އެކުކަން ރައީސް ޑޮކްޓަރ މުޢިއްޒު ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ އިސްލާމީ ވަރުގަދަ ދައުލަތެއްގެ ގޮތުގައި އަދި އުންމަތުގެ ދިފާޢުގައި އިސްނަގާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އަޅުގަނޑުމެންނާ އަންނަ އަހަރު ބައްދަލުކުރާނީ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުހިންމު މުނާސަބާއަށް ކަމަށާއި، މިއީ މި ޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސްކަމާމެދަކު ޝައްކެއްނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށް، މުޅި ރާއްޖޭގައި އިސްލާމީ އަދި ޤައުމީ ރޫޙު އާލާވާނެ، އަދި ރައްޔިތުންގެ ބަދަހިކަން އިތުރުކޮށްދޭނެ އެތައް ޙަރަކާތެއް ސަރުކާރުން ހިންގުމަށް ގަސްދުކުރާ ކަމުގެ މަޢުލޫމާތު ވެސް ރައީސް ވަނީ ހިއްސާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު