އަހުމަދު ޝާހް   24 ސެޕްޓެމްބަރު 2025 - 12:54
ހެލްތް މިނިސްޓްރީ ހިންގަމުންދާ ރޯޝަނީ ބިލްޑިންގ
ހެލްތް މިނިސްޓްރީ ހިންގަމުންދާ ރޯޝަނީ ބިލްޑިންގ
ސިއްޙަތާ ބެހޭ ވުޒާރާގައި ތިބީ ސިޔާސީ 30 މީހުން ކަމަށް އެ ވުޒާރާއިން ހާމަކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ މަޢުލޫމާތެއް ކަމަށްބުނެ ރަޝްވާންގެ ނަމުގައި ހިންގާ އެކްސް އެކައުންޓަކުން މީސްމީޑިއާގައި ޢާއްމު ކޮށްފައިވާ ސިޓީއެއްގައި ބުނެފައިވާ ގޮތުން، ސިއްޙަތާބެހޭ ވުޒާރާގައި ތިބި ސިޔާސީ 30 މީހުންގެ ތެރޭގައި 06 ޕޮލިޓިކަލް ޑިރެކްޓަރުންނާއި 07 ޑެޕިއުޓީ މިނިސްޓަރުން ހިމެނެއެވެ.

އަދި އެ މަޢުލޫމާތަކީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ ވުޒާރާއިން ފޯރުކޮށްދިން މަޢުލޫމާތު ކަމަށްވެސް މީސްމީޑިއާ އެކައުންޓްގައި ބުނެފައިވެއެވެ.



އެގޮތުން ޕޮލިޓިކަލް ޑިރެކްޓަރުންނަށް 20،000 ރުފިޔާ އާއި 25،000 ރުފިޔާ އާއި ދެމެދުގެ މުސާރައެއް ލިބޭއިރު، ޑެޕިއުޓީ މިނިސްޓަރުންނަށް ލިބެނީ 21،000 ރުފިޔާ އާއި 31،500 އާއި ދެމެދުގެ މުސާރައެކެވެ.



ސިއްޙަތާ ބެހޭ ވުޒާރާގައި 30 ސިޔާސީ މީހުން ތިބިކަމަށް ބުނެފައިވާއިރު، އޭގެ ތެރޭގައި ކޮންމެ ރަށެއްގެ ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ އިދާރާއަށް ރައީސް ޢައްޔަނު ކުރަށްވާފައިވާ ފަރާތްތައް ހިމަނުއްވާފައެއް ނުވެއެވެ.

އަދި ސިޔާސީ މުވައްޒަފުންނަށް ދޭ މުސާރައާއި އިނާޔަތްތަކުގެ މައުލޫމާތު ބަލަހައްޓަނީ ފިނޭންސް މިނިސްޓްރީން ނޫން ކަމަށް އެވުޒާރާއިން ދާދިފަހުން ބުނެފައިވެއެވެ. ނަމަވެސް މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ރައީސް އޮފީހުން ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދުތަކެއް ހާމަކޮށްފައެވެ. އެ މައުލޫމާތުގައިވާ ގޮތުން އޭރު ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދަކީ 992 އެވެ.

ނަމަވެސް އިދިކޮޅު އެމްޑީޕީން ބުނެފައިވަނީ، ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ގޮތުގައި 2،280 މީހުން އެބަތިބި ކަމަށެވެ. ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދަކީ 992 ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވާއިރު، މި ސަރުކާރު ވެރިކަމަށް އައީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރާނެކަމުގެ ވައުދާ އެކުގައެވެ.



ކިޔުންތެރިންގެ ހިޔާލު