އަހުމަދު ޝާހް   24 ސެޕްޓެމްބަރު 2025 - 13:7
ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު
ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު
ތަޢުލީމީ ވުޒާރާގައި ތިބީ ސިޔާސީ 36 މީހުން ކަމަށް އެ ވުޒާރާއިން ހާމަކޮށްފިއެވެ.

ތަޢުލީމީ ވުޒާރާއިން ހާމަކޮށްފައިވާ މަޢުލޫމާތެއް ކަމަށްބުނެ ރަޝްވާންގެ ނަމުގައި ހިންގާ އެކްސް އެކައުންޓަކުން މީސްމީޑިއާގައި ޢާއްމު ކޮށްފައިވާ ސިޓީއެއްގައި ބުނެފައިވަނީ، ތަޢުލީމާބެހޭ ވުޒާރާގައި ތިބި ސިޔާސީ 36 މީހުންގެ ތެރޭގައި 12 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންނާއި 12 ޑެޕިއުޓީ މިނިސްޓަރުން ހިމެނެއެވެ.

ހަމައެއާއެކު 6 ޕޮލިޓިކަލް ޑިރެކްޓަރުންނާއި، 5 ސްޓޭޓް މިނިސްޓަރުންނާއެކު، ވަޒީރެއް އެ ވުޒާރާގައި އެބަ ހުންނެވިއެވެ. އަދި އެ މަޢުލޫމާތަކީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ ވުޒާރާއިން ފޯރުކޮށްދިން މަޢޫލޫމާތު ކަމަށްވެސް މީސްމީޑިއާ އެކައުންޓްގައި ބުނެފައިވެއެވެ.



ތަޢުލީމީ ވުޒާރާގައި 36 ސިޔާސީ މީހުން ތިބިކަމަށް ބުނެފައިވާއިރު، ސިޔާސީ މުވައްޒަފުންނަށް ދޭ މުސާރައާއި އިނާޔަތްތަކުގެ މައުލޫމާތު ބަލަހައްޓަނީ ފިނޭންސް މިނިސްޓްރީން ނޫން ކަމަށް އެވުޒާރާއިން ދާދިފަހުން ބުނެފައިވެއެވެ. ނަމަވެސް މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ރައީސް އޮފީހުން ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދުތަކެއް ހާމަކޮށްފައެވެ. އެ މައުލޫމާތުގައިވާ ގޮތުން އޭރު ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދަކީ 992 އެވެ.

ނަމަވެސް އިދިކޮޅު އެމްޑީޕީން ބުނެފައިވަނީ، ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ގޮތުގައި 2،280 މީހުން އެބަތިބި ކަމަށެވެ. ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދަކީ 992 ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވާއިރު، މި ސަރުކާރު ވެރިކަމަށް އައީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރާނެކަމުގެ ވައުދާ އެކުގައެވެ.



ކިޔުންތެރިންގެ ހިޔާލު