ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
2023 ވަނަ އަހަރު 202 ޕްރޮޖެކްޓް އެވޯޑްކުރީ އުސޫލްގެ ތެރެއިން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ، ރަށްރަށުގައި ކުރިއަށް ގެންދަން ފަށާފައިހުރި ގިނަ މަޝްރޫޢުތަކެއް ހުއްޓިފައިވަނީ 2023 ވަނަ އަހަރުގެ ޖުލައިގެ ފަހުން ގިނަ މަޝްރޫޢުތަކެއް ޙަވާލު ކޮށްފައިވާތީ ބަޖެޓަށް ދިމާވި ތާށިކަމުގެ ސަބަބުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

އެގޮތުން އަމީރު ވިދާޅުވީ، 2023 ވަނަ އަހަރުވެސް އަދި އޭގެ ކުރިންވެސް ޕްރޮޖެކްޓްތަކުގެ ޓެންޑަރ މަރުހަލާ ކުރިޔަށް ގެންގޮސްފައިވާނީ ފާސްކުރެވުނު ބަޖެޓާއި އެއްގޮތަށް ކަމަށެވެ. އަދި 2023 ވަނަ އަހަރު އެވޯޑް ކުރެވުނު ޕްރޮޖެކްޓްތަކުގެ ތަފްސީލް މިހާރުވެސް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައި ފެންނަން އެބަހުރި ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، ޕްރޮޖެކްޓެއް އެވޯޑްކުރުމާއި ހަމައަށް ދަނީ ވަރަށް ގިނަ މަރުހަލާ ކަޑައްތުކޮށްފައި ކަމަށެވެ. އެގޮތުން 2022 ވަނައަހަރު ޓެންޑަރަށް އަލަށް ހުޅުވާލެވޭ ޕްރޮޖެކްޓެއް 2023 ވަނައަހަރުވެސް އެވޯޑް ކުރެވިފަ ހުރެދާނެ ކަމަށާއި އެގޮތުން 2023 ވަނައަހަރު ޖެނުއަރި މަހު އެވޯޑްކޮށްފައިވާ 31 ޕްރޮޖެކްޓުގެ ތެރޭގައި 2022 ވަނައަހަރު ޓެންޑަރު މަރުހަލާ ފެށިފައިވާ ޕްރޮޖެކްޓް ހިމެނޭ ކަމަށެވެ.

"2023 އަހަރު އެވޯޑްކުރެވުނު ޕްރޮޖެކްޓްތަކުގެ ޖުމްލަ އަދަދަކީ 202. އޭގެ ތެރެއިން ޖުލައި-ނޮވެމްބަރު (ވެރިކަން ބަދަލުވުމާއި ހަމައަށް) އެވޯޑްކުރެވުނީ 103 ޕްރޮޖެކްޓް. އޮކްޓޯބަރު އަދި ނޮވެމްބަރު މަހު އެވޯޑްކުރެވިފައިވާ ޕްރޮޖެކްޓްތަކަކީވެސް ބަޖެޓްގައި ވާ ގޮތަށް އޭގެ އެތައް މަހެއްކުރިން ޓެންޑަރު މަރުހަލާ ފެށިފައިވާ ޕްރޮޖެކްޓްތައް." އަމީރު ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު އަމީރު ވިދާޅުވީ، އެއް ޕްރޮޖެކްޓެއް ގިނަ ފަރާތްތަކަށް އެވޯޑްކޮށްފައި ނުވާނެ ކަމަށާއި، އަދި އެޑްވާންސް ޕޭމެންޓްވެސް ދޫކޮށްފައިވާނީ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށެވެ.

"ތި ލިސްޓް ބައްލަވާ ލައްވާ. މި ތަނުން ކޮން ކޮންޓްރެކްޓަރެއްތޯ ގެއްލުނީ. އެމް.ޓީ.ސީ.ސީ ތޯ ނޫނީ މައިކްރޯސޮފްޓްތޯ. ދޮގެއް ކޮންމެހެންވެސް ހަދާ ހިތްވެގެން ގައިކަހާ ނަމަވެސް، މީހުން ގަބޫލުކޮށްފާނެ ފާޑުގެ ދޮގު ހަދަންވާނީ. ވެރިކަމަށް އަންނަން ވެގެން ހެދި ފާޑުގެ." ނުރުހުން ފާޅު ކުރަށްވައި އަމީރު ވިދާޅުވިއެވެ.

އޭގެއިތުރުން އަމީރު ވިދާޅުވީ ކުރީ ސަރުކާރުން އެތަށް ދަތިތަކާއެކުވެސް ޕްރޮޖެކްޓްަތައް ހިންގި ކަމަށާއި، 2023ގެ ޓްރާންޒިޝަން މުއްދަތުގައި ރައީސް މުޢިއްޒުގެ ޓީމް ބޭނުންވި ގޮތަށް 2024 ގެ ބަޖެޓް އެކުލަވާލާފައިވާނެ ކަމަށެވެ.

"މަނިކުފާނުގެ ސަރުކާރަށް ނުވެގެން އުޅެނީ. ހަމަ ގާބިލްކަމެއް ނެތި، ދެން ކުރާނެ ކަމެއް ނޭނގި ގަބު ވެފަ ތިބޭތީ." އަމީރު ވިދާޅުވިއެވެ

އަދި މި ސަރުކާރުން އެއްވެސް ހަމައެއް އުސޫލުއް ފޮލޯ ނުކުރާ ކަމަށާއި، މިދިޔަ ސަރުކާރުގައި ކޮންޓްރެކްޓް އެވޯޑްކޮށް މަސައްކަތް ފަށާފައިވާ ޕްރޮޖެކްތައްވެސް މިސަރުކާރުން ރައްޔިތުންނަށް މަކަރު ހަދަން ސަރުކާރު ކުންފުންޏަކާއެކު ހުސް ގަނޑެއްގައިވެސް ސޮއިކޮށްފައި ހުރި ކަމުގެ ތުހުމަތު އަމީރު ވަނީ ކުރަށްވާފައެވެ.



އަމީރު މިހެން ވިދާޅުވެފައިވާއިރު ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ ކުރީ ސަރުކާރުން މިދިޔަ އަހަރުގެ ބަޖެޓް އެކުލަވާލިއިރު ނުނިމިހުރި މަޝްރޫޢުތައް ނިންމޭ ވަރުގެ ބަޖެޓެއް ހަމަޖައްސައިދީފައި ނެތް ކަމަށެވެ.

"މީގެތެރެއިން ވަރަށްގިނަ މަޝްރޫޢުތައް އެޑްވާންސް ޕޭމަންޓް ހުރީ ދޫކޮށްފަ. އެޑްވާންސް ޕޭމަންޓް ދިނީ ދެން ކޮންޓްރެކްޓަރ ގެއްލިއްޖެ. ދެން އެ މަޝްރޫޢު އެހެން ބަޔަކާ ޙަވާލު ކުރަނީ." ރައީސް ވިދާޅުވިއެވެ.

އޭގެއިތުރުން ރައީސް ވަނީ، ބައެއް މަޝްރޫޢުތައް ދެތިން ފަރާތަށް ޙަވާލުކޮށް އެޑްވާންސް ޕޭމަންޓް ވެސް ދޫކޮށްފައިވާ ކަމަށާއި، ނަމަވެސް މި ސަރުކާރުން ހަމައާއި އުސޫލު ޤަބޫލު ކުރާތީ އެ ކޮންޓްރެކްޓަރުން މެދުވެރިކޮށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އެގޮތަށްވެސް މަސައްކަތްތައް ކުރިއަށް ނުގެންދެވިގެން ބައެއް މަޝްރޫޢުތައް ޓަރމިނޭޓް ކޮށްފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު