ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު
ފަހަރަކު ތަންތަން ކޮޅުން ލީކުވަމުންދާ ލިސްޓުތަކާއި ފައިލުތައް ތޯލާފުޅިއަކަށް ލައިގެންވިޔަސް ކަންކުރެވޭތޯ ބެއްލެވުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އިލްތިމާސް ކުރަށްވައިފިއެވެ.

މި ހަފްތާގައި ރާއްޖޭގެ މީސްމީޑިއާގައި އެންމެ ބޮޑަށް ދައުރުވަމުން އަންނަ އަދީބުގެ ފޯނުގެ މެސެޖްތަކުގައި ގިނަ ޢަދަދެއްގެ މަޢުލޫމާތުތަކެއް ހުރިއިރު އޭގައި އޭރާއި މިހާރުގެ ސިޔާސީ އަދި އެހެނިހެން ނުފޫޒުގަދަ މީހުނާއި އަދީބާއި ދެމެދު ބަދަލު ކޮށްފައިވާ ގިނަ ޢަދަދެއްގެ މުޢާމަލާތްތަކެއް ހިމެނެއެވެ. ޖުބްރާން ޝަރީފްގެ ނަމުގައި ކާކުކަން ނޭނގޭ ގޮތަށް އެކްސްގައި ހިންގާ އެކައުންޓަކުން ލީކު ކޮށްލާފައިވާ ރިޕޯޓުން ފެންނަ ގޮތުން އެއީ، 2014 ވަނަ އަހަރުގެ ފަހުކޮޅު ހިންގާފައިވާ މުޢާމަލާތްތަކެކެވެ.

އިނގިރޭސި ފޮރެންސިކް ފާމެއް ކަމަށްވާ ފަރަޑޭ ފޮރެންސިކްސް އިން 2015 ވަނަ އަހަރު ނެގި މަޙުލޫމާތުތައް ހިމެނޭ ޖުމުލަ 2،973 ސަފުހާގެ އެ ރިޕޯޓުގައި 81،167 މެސެޖު އެބައޮތެވެ.

އެރިޕޯޓް ލީކުވުމާ ގުޅިގެން ވައްޑެ ވަނީ މި ސަރުކާރަށް އެމްއެމްޕީއާރުސީ މައްސަލަ ނުބެލުނު ކަމަށާއި، އަދި މިހާރު ތިއްބެވި އިއްޒަތްތެރިންނަށް އޭގެން އަރައިނުގަނެވުނު ކަމަށް ވިދާޅުވެފައެވެ. އަދި ކުރީ ސަރުކާރޭ ކިޔައި ޒިންމާއިން ނުރެކޭނަމޭ ކިޔަމުން އައިސް ދައުރު ދެބައިވީއިރު އެނޫން އެއްޗެއް ކިޔަން ނޭނގުނު ކަމަށްވެސް ވައްޑެ ވިދާޅުވިއެވެ.

"ދޭތެރެ ދޭތެރެއިން އެތިކޮޅުކޮޅު ލީކުނުވާނެހެން އެބުނާ ލިސްޓަކާއި ފައިލުތައް ތޯލާފުޅިއަކަށް ލައިގެން ނަމަވެސް، އަލުން ލީކުނުވާނެހެން ކަނޑުފައްތަން ވެއްޖެނު؟" ވައްޑެ ވިދާޅުވިއެވެ.



ވައްޑެ މިހެން ވިދާޅުވެފައިވާއިރު، ލީކުވެފައިވާ އަދީބުގެ ފޯނުގެ މެސެޖްތަކުން އެނގޭ ގޮތުގައި ބައެއް ބޭފުޅުން ވަނީ ޢުމްރާގައި ތިއްބަވައިގެންވެސް އަދީބުގެ އަތުން ފައިސާ ހޯއްދަވާފައެވެ. އަދި ސައިކަލު ގަތުމަށާއި، އެޕާޓްމަންޓްގެ ކުލި ދެއްކުމަށާއި، ދަތުރު ދިއުމަށާއި، ކޯޓް ކޭސްތަކަށް ފައިސާ ހޯއްދެވި ކަމަށް ބެލެވޭ މެސެޖްތައްވެސް އޭގެ ތެރޭގައި ހިމެނެއެވެ.

އަދީބުގެ ފޯނުން އެތައް ހާސް މެސެޖެއް ލީކުވެ ސިޔާސީ އެތައް ބަޔަކަށް އެތައް ތުހުމަތެއް އަމާޒުވެފައިވާއިރު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން އެމްޑީޕީއަށް ނާކާމިޔާބުވި ފަހުން، ދައުރު ނިމެން ތިން ދުވަހަށްވެފައި ވަނިކޮށް ކުރީގެ ރައީސް ޞާލިޙް ވަނީ އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިގައި ކޯޓުގައި އަމިއްލައަށް ކުށަށް އިއުތިރާފުވި އަދީބާއި، ޒިޔަތަށް މާފުދީ މިނިވަން ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު