އަލީގެ ހަކަތަ ބޭނުންކޮށްގެން ކޮރޯނާ ވައިރަސް މަރާލާ އަލްޓްރާ ވައިލެޓް ލޭމްޕެއް ޖަޕާނުން އީޖާދުކޮށް ތައާރަފް ކޮށްފިއެވެ.

ޖަޕާނުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ކޮލަމްބިއާ ޔުނިވަރސިޓީ އާ ގުޅިގެން އީޖާދުކުރި މި ލޭމްޕް ނުވަތަ ބައްތި ބޭނުން ކޮށްގެން ބޮޑެތި ހާމައަށް އޮންނަ ސަރަހައްދުތައް ޑިސްއިންފެކްޓް ކުރެވޭނެެއެވެ. މިގޮތުން ގިނައން އާންމުން ޖަމާވެއުޅޭ ބައިބޯވާ ސަރަހައްދުތައް ކަމަށްވާ ބަސް، ޓްރެއިން، އޮފީސް އަދި އެ އޮފީސްތަކުގެ ލިފްޓް ތައް ޑިސްއިންފެކްޓް ކުރުމަށް މި ލޭމްޕް ބޭނުން ކުރެވޭނެއެވެ.

ނަމަވެސް މިއީ ސީދާ އިންސާނުންނަށް ބޭނުންކުރަން އަދި ރައްކާތެރި އެއްޗެއް ކަމަކަށް މުޅިއަކުން ނުނިންމައެވެ. މި އަލްޓްރާ ވައިލެޓް ލޭމްޕުން ލޮލުގެ މައްސަލަތައް ކުރިމަތިވުމާއި ހަމުގެ ކެންސަރު ޖެހުމުގެ ފުރުސަތު އޮވެދާނެ ކަމަށް ޖަޕާނުގެ ސިއްހީ މާހިރުން ފާހަގަ ކުރެއެވެ.

ބޯ ފޮތެއްގެ ބައްޓަމަށް އުފައްދާފައިވާ މި ލޭމްޕް ބޭނުން ކޮށްގެން އެ ހުންނަ ހިސާބުން ފެށިގެން 8 ފޫޓު ދުރުމިންގެ ސަރަހައްދު ޑިސްއިންފެކްޓް ކުރެވޭނެއެވެ. މިގޮތުން ލޭމްޕް ދިއްލާލާތާ 6 މިނެޓާއި 8 މިނެޓާއި ދެމެދުގެ ވަގުތެއްގައި، މިލޭމްޕްގެ އަލި މެދުވެރިކޮށް ކޮރޯނާވައިރަހާއި އަދިވެސް އެސަރަހައްދުގައި ހުންނަ އެކި ކަހަލަ ނުރައްކާތެރި ބެކްޓީރިއާތައް ނައްތާލާ ސާފުކޮށްލަދެއެވެ. ސީދާ އިންސާނުންގެ ހަށިގަނޑަށް އެޅޭ ގޮތަށް ބޭނުން ނުކުރި ނަމަވެސް އިންސާނުން ދިރިއުޅޭ އަދި އެއްވެ އުޅޭ ބައިބޯ ސަރަހައްދުތަކާއި ތަންތަން ކޮރޯނާވައިރަހުން މުޅިން ސާފުކޮށްދޭ މި ލޭމްޕަކީ ކޮރޯނާވައިރަހުން ރައްކާތެރި ވުމަށް ބޭނުން ކުރުމަށް މުހިންމު ހަތިޔާރެއްކަން މިހާރު ވަނީ ކަށަވަރުވެފައެވެ.

2800 ޑޮލަރުގެ އަގުހުރި މި އަލްޓްރާ ވައިލެޓް ލޭމްޕްގެ ޑިމާންޑް އިންތިހާއަށް ބޮޑުވެގެންދާނެތީ ފުރަތަމަ ވިއްކުމަށް ހަމަޖެހިފައިވަނީ ސިއްހީ އިދާރާތަކަށް އެކަންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން