މިދިޔަ އެމްޑީޕީ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަނުން ހިންގި ބޮޑު ވައްކަން ބަލަން އޭސީސީ، ޕީޖީ އަދި ފުލުހުންނަށް އަންގަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެެވެ.

ތ. ތިމަރަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކުރީ ސަރުކާރުގެ ދުވަސްވަރު ފެނަކަ ކޯޕަރޭޝަންގައި ހިންގާފައިވާ ބޮޑު ވައްކަމުގެ މައްސަލަ ފުރިހަމައަށް ބެލުމަށް ފުލުހުންނާއި ކަމާ ގުޅޭ އިދާރާތަކަށް އަންގަވާފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މިއީ ރައްޔިތުންގެ ފައިސާ ކަމަށާއި، މިފަދަ ކޮރަޕްޝަންތައް ހުއްޓުވައި، ކުންފުނިތައް ހަލާކުކުރި ފަރާތްތަކަށް ފިޔަވަޅު އެޅޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ފެނަކަ އަކީ ސަރުކާރުގެ އެންމެ މުހިންމު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ، ގާތްގަނޑަކަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ހިދުމަތްދެމުން އަންނަ ކުންފުންޏެއް ކަމަށެވެ. އެހެންނަމަވެސް އޮޑިޓް އޮފީހުން ނެރުނު ރިޕޯޓަށް ބަލާއިރު، އެ ކުންފުނި މިހާރު ހުރި ހާލަތަކީ ވަރަށް ހިތާމަ ކުރަށްވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ، އޮޑިޓް އޮފީހަކީ މިނިވަން މުއައްސަސާއެއް ކަމަށާއި، ސަރުކާރުން އެ ތަނަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ފެނަކަ އަށް ބޭނުންވާ ބަޖެޓާއި، ކަންކަން ފެސިލިޓޭޓް ކުރުމަށް ސަރުކާރުން އެއްބާރުލުން ދީފައިވާއިރު އެތައް ސަތޭކަ މިލިއަން، ރުފިޔާގެ ވައްކަން ކޮށްފައިވާ ކަން އޮޑިޓް ރިޕޯޓުން ހާމަވާ ކަމަށެވެ. މިއީ ރައްޔިތުންގެ ފައިސާ ކަމަށާއި، މިކަމުގެ ސަބަބުން ކުންފުނި ހަލާކުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިފަދަ ކަންކަމުގެ ސަބަބުން މި ސަރުކާރަށް ރައްޔިތުންގެ އެތައް މައްސަލައެއް ހައްލުކުރުމަށް ދިގު މުއްދަތެއް ނަގާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މިކަމާ ގުޅިގެން ފުލުހުންގެ އިދާރާއިން ކުރަންޖެހޭ ކަންކަން މިހާރު ފަށާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި އެސީސީއާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވެސް މި މައްސަލަ އަވަސްކުރުމަށް އެމަނިކުފާނުގެ މަޤާމުގެ ހައިސިއްޔަތުން އަންގަވާފައިވާ ކަމަށް ރައީސް މިރޭ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކުރީގެ ސަރުކާރުގައި ހުރިހާ ކުންފުނިތަކެއްގައިވެސް މިގޮތަށް ބާރާއި ނާޖާއިޒު ބޭނުންކޮށް، ކޮރަޕްޝަން ހިންގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، ކޮރަޕްޝަން ނައްތާލުމަށް ކުރަންޖެހުނު ހުރިހާ ކަމެއް ކުރާނެ ކަމަށާއި، އެއްވެސް މީހަކަށް ނުބަލާ، ހިންގި ޢަމަލަށް ބަލައިގެން ފިޔަވަޅު އަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަންކަން ސިޔާސީ ނުކުރާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ.

އެމްޑީޕީ ވެރިކަމުގައި 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދޭތެރޭ، ފެނަކަ ކޯޕަރޭޝަނުގެ އޮޑިޓް ރިޕޯޓުން ވަނީ ވައްކަމުގެ ބޮޑެތި މައްސަލަތަކެއް ފަޅާއަރާފައެވެ. ފެނަކަ ކޯޕަރޭޝަނުން 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު ހިދުމަތާއި ތަކެތި ހޯދަން އެކި ފަރާތްތަކާ ހަވާލުކުރި 2.2 ބިލިއަން ރުފިޔާގެ މަސައްކަތުގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވާދަވެރި ބީލަމަށް ހުޅުވައި ނުލައި، އުސޫލުން ބޭރުން ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުން ވަނީ ހާމަވެފައެވެ.



ކިޔުންތެރިންގެ ހިޔާލު