އެމްއެމްޕީއާރުސީ މައްސަލާގައި ކުށަށް އިއުތިރާފްވި ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު
އެމްއެމްޕީއާރުސީ މައްސަލާގައި ކުށަށް އިއުތިރާފްވި ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު
އެމްއެމްޕީއާރުސީ ވައްކަމުގެ ފަހަތުން އަދިވެސް ދާންޖެހޭ ކަމަށާއި، އެކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް އަހްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޤާނޫނީ ވަކީލު މުޢިއްޒު މިހެން ވިދާޅުވެފައިވަނީ، ދައުލަތުގެ ޚަޒާނާއިން ވައްކަން ކުރުމާއި، މަޤާމުގެ ނުފޫޒާއި ބާރު ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކޮށް، ކުރިއަށް ދެވޭނެ ފިޔަވަޅުތަކެއް އެޅުމަށްޓަކައި ކޮންފަރެންސެއް ބޭއްވުމަށް ނިންމަވާފައިވާކަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިޢުލާނު ކުރެއްވުމާއި ގުޅިގެންނެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، މި ކޮންފަރެންސަކީ ޢާންމުންގެ ބައިވެރިވުމާއި ޤާނޫނީ ވަކާލާތުގެ ތެރެއިން ކޮރަޕްޝަންގެ މައްސަލަތަކާ ދެކޮޅަށް ދެމެހެއްޓެނިވި ދިގު ރާސްތާގައި ފަށާ ޙަރަކާތެއްގެ ފެށުން ކަމަށާއި ކޮންފަރެންސް ބާއްވާ ތަނާއި، ތާރީޚާއި އެޖެންޑާއާއި، ރެޖިސްޓަރކުރާނެ ގޮތުގެ ތަފްޞީލު ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ޢާންމުކުރެވޭނެކަމަށެވެ.

ރައީސް ނަޝީދުގެ އިސްނެންގެވުމަށް ތާޢީދު ކުރަށްވައި މީސްމީޑިއާގައި ކުރީގެ ޕީޖީ މުޢިއްޒު ވިދާޅުވީ، އެމްއެމްޕީއާރުސީ ވައްކަމުގެ ފަހަތުން އަދިވެސް ދާންޖެހޭ ކަމަށާއި، އެކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.



އެމްއެމްޕީއާރުސީ ވައްކަމުގެ ފަހަތުން އަދިވެސް ދާންޖެހޭކަން މުޢިއްޒު ފާހަގަ ކުރަށްވާފައިވާއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ އިސްމީހުންގެ ތެރޭގައި ހިމެނޭ ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބަށް މާފުދީ ރައީސް ޞާލިޙްގެ ސަރުކާރުން ވަނީ މިނިވަން ކޮށްފައެވެ. އަދި އެފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ބައެއް މީހުން ސިޔާސީ އިސްމަޤާމުގައި ތިބިކަމަށް ބާރުދޭ މެސެޖްތަކެއް ދާދިފަހުން މީސްމީޑިއާގައި ވަނީ ޢާއްމުވެފައެވެ.

ހަމައެހެންމެ އެބޮޑު ޚިޔާނާތުގެ މައްސަލައާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ދަޢުލަތުން ކޮށްފައިވާ ދަޢުވާތަކެއްގެ މައްސަލަތައްވެސް ކޯޓުގައި ދަނީ ހިނގަމުންނެވެ. އޭގެ އިތުރުން ރައީސް ޞާލިޙްގެ ސަރުކާރުގައި ފެނަކައިގެ އެމްޑީގެ މަޤާމުގައި ހުންނެވި އަޙްމަދު ސަޢީދަށް މަޤާމުގެ ނާޖާއިޒް މަންފާ ޙާސިލްކުރުމުގެ މައްސަލައެއް ސާބިތުވެ މިފަހުން ވަނީ ޖަލަށްވެސް ލާފައެވެ.



ކިޔުންތެރިންގެ ހިޔާލު