ރާއްޖޭގެ މަޝްހޫރު އިގްތިސާދީ މާހިރު، މުހައްމަދު ނަސީމް (ނަފާ ނަސީމް)
ރާއްޖޭގެ މަޝްހޫރު އިގްތިސާދީ މާހިރު، މުހައްމަދު ނަސީމް (ނަފާ ނަސީމް)
ސިޔާސީންނާއި ކޮރަޕްޝަން ވަކިނުވާނެ ކަމަށް ރާއްޖޭގެ މަޝްހޫރު އިގްތިސާދީ މާހިރު، މުހައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

ސިޔާސީ ފަރާތްތަކަށް ތުހުމަތު ކުރެވޭ ކަރަޕްޝަންގެ މައްސަލަތައް ތިލަވަމުންދާ މިދަނޑިވަޅުގައި މީސް މީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ނަސީމް ވިދާޅުވީ، ސިޔާސީންނާއި ކަރަޕްޝަނާ މުޅިން އެއްކޮށް ވަކިނުވާނެ ކަމަށާއި، ހަމައެކަނި ކުރެވޭނެ ކަމަކީ އެކަން ކުޑަ ކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.

އޭގެއިތުރުން ސިވިލްސާވިސްއާއި ވިޔަފާރިއާ، ކަރަޕްޝަން މުޅިން އެއްކޮށް ވަކިނުވާނެ ކަމަށްވެސް ނަސީމް ވިދާޅުވެފައިވެއެވެ. ނަސީމް ވިދާޅުވީ އެކަމުގެ ސަބަބަކީ ޢާމްދަނީ އިތުރުނުވި ނަމަވެސް ތަކެތީގެ އަގުތައް އުފުލެމުން ދިއުން ކަމަށެވެ.

"ސިޔާސީ ގޮނޑި ހޯދަނީ ކަރަޕްޝަނުން، ދަމަހައްޓަނީ ކަރަޕްޝަނުން." ނަސީމް ވިދާޅުވިއެވެ.



ނަސީމް މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ މީސްމީޑިއާގައި މިހާރު އެންމެ ބޮޑަށް ދައުރުވަމުން ދަނީ ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބުގެ ފޯނުން ލީކުވެފައި ވާކަމަށްބުނާ މެސެޖްތަކެއްގެ ރިޕޯޓެކެވެ. އެމެސެޖްތަކުގައި ގިނަ ޢަދަދެއްގެ މަޢުލޫމާތުތަކެއް ހުރިއިރު އޭގައި އޭރާއި މިހާރުގެ ސިޔާސީ އަދި އެހެނިހެން ނުފޫޒުގަދަ މީހުނާއި އަދީބާއި ދެމެދު ބަދަލު ކޮށްފައިވާ ގިނަ ޢަދަދެއްގެ މުޢާމަލާތްތަކެއް ހިމެނެއެވެ.

ޖުބްރާން ޝަރީފްގެ ނަމުގައި ކާކުކަން ނޭނގޭ ގޮތަށް އެކްސްގައި ހިންގާ އެކައުންޓަކުން ލީކު ކޮށްލާފައިވާ ރިޕޯޓުން ފެންނަ ގޮތުން އެއީ، 2014 ވަނަ އަހަރުގެ ފަހުކޮޅު ހިންގާފައިވާ މުޢާމަލާތްތަކެކެވެ. އިނގިރޭސި ފޮރެންސިކް ފާމެއް ކަމަށްވާ ފަރަޑޭ ފޮރެންސިކްސް އިން 2015 ވަނަ އަހަރު ނެގި މަޙުލޫމާތުތައް ހިމެނޭ ޖުމުލަ 2،973 ސަފުހާގެ އެ ރިޕޯޓުގައި 81،167 މެސެޖު އެބައޮތެވެ.

އޭގެއިތުރުން ފެނަކައިގެ މައްޗަށް ތުހުމަތުވާ 2.2 ބިލިއަން ރުފިޔާގެ ޚިޔާނާތެއް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތިލަކޮށްފައިވާއިރު، ކުރީގެ ފެނަކަ އެމްޑީ ސަޢީދު އާއި، ކުރީގެ ގޭސް ކުންފުނީގެ އެމްޑީ މާނުގެ މައްޗަށް ކޮރަޕްޝަންގެ މައްސަލަތަކެއް ސާބިތުވެ މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޖަލަށް ލާފައެވެ.



ކިޔުންތެރިންގެ ހިޔާލު