އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް (ވ)
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް (ވ)
ހުސައިން ހުންނެވީ ވެރިކަމާ ހަވާލުވާން ތައްޔާރަށްކަން އެނގިލައްވާ ކަމަށާއި އަދި ޕީޕީއެމްގެ ދެތިން މެންބަރެއްގެ އަތުން މުޒާހަރާއަށް ބައިލައްކަ ރުފިޔާ ލިބުނު ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ އެމްޑީޕީން ރޭ ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ފައްޔާޒް ވިދާޅުވެފައިވަނީ އެމްޑީޕީގެ މުޒާހަރާއަކީ ނިރުބަވެރި ޙަރަކާތެއްގެ ގޮތުގައި ހުސައިން ސިފަ ކުރެއްވީ ވަރަށް ބޮޑު ޕްރެޝަރެއްގައި ހުންނެވުމުންކަން އެނގިލައްވާ ކަމަށެވެ.

އަދި އެމްޑީޕީގެ މުޒާހަރާއަކީ ހުސެއިންގެ އެއްވެސް ބައިވެރިވުމެއް އޮތް މުޒާހަރާއެއް ނޫންކަން ފައްޔާޒް ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް ރައީސް އަޒުލު ކުރަށްވައި ނައިބުރައީސްއާ ވެރިކަން ވަގުތުން ހަވާލު ކުރުމަށް ފައްޔާޒް ގޮވާލެއްވިއެވެ.

"ހުސައިން ހުންނެވީ ތައްޔާރަށްކަން ވެރިކަމާ ހަވާލުވާން އަޅުގަނޑުމެންނަށް އެނގޭކަމާއި.." ފައްޔާޒް ވިދާޅުވިއެވެ.

ހަމައެއާއެކު މުޒާހަރާ ފެށުމުގެ ކުރިން ޕީޕީއެމްގެ މަޖިލީސް ދެތިން ބޭފުޅަކު ގުޅުއްވައި އެފަދަ ޙަރަކާތްތައް ގިނައިން ހިންގުމަށް އެދިލެއްވި ކަމަށާއި، އެބޭފުޅުންގެ ފަރާތުން ފަންސާސްހާސް ރުފިޔާ މުޒާހަރާއަށް ލިބުނު ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ. ޕީޕީއެމްގެ މެންބަރުންނޭ ވިދާޅުވުމަށްފަހު ފައްޔާޒް ފަހުން ވިދާޅުވީ "ރަނގަޅުގޮތަކީ ޕީއެންސީގެ ތިން މެންބަރެއް" ކަމަށެވެ.

"ޕީޕީއެމްގެ މަޖިލިސް ދެތިން މެންބަރެއް އިއްޔެ އާއި އޭގެ ކުރީދުވަހު އަޅުގަނޑާއި ގުޅައި ވާހަކަދެއްކި. ވިދާޅުވީ ވަރަށް މުހިންމޭ ތިބޭފުޅުން ތި ކުރަށްވާ މަސައްކަތް. ތިމަންނާމެންނަށް ކަމެއް ވަނީވެސް، ލޯނެއް ލިބެނީވެސް، ލާރިކޮޅެއް ލިބެނީވެސް އެމްޑީޕީން ކަމެއް ކުރީމައޭ. މިފަހަރުވެސް ވަރަށް ފައިދާ ވެއްޖޭ. ދެން ފަންސާސްހާސް ރުފިޔާ އަޅުގަނޑަށް ލިބުނު އެބޭފުޅުންގެ ފަރާތުން މުޒާހަރާއަށް." ފައްޔާޒް ވިދާޅުވިއެވެ.

އޭގެއިތުރުން ފައްޔާޒް ރޭ ވިދާޅުވީ މަޖީދީމަގުން އެމްޑީޕީގެ ހިނގާލުން ކުރިއަށް ގެންދަން ޖެހުނީ، ފުލުހުން ދީފައި އޮތް ރޫޓުން ދިޔަނަމަ އެހެން ގޮތަކަށް ކަންތައްތަކެއް ދިމާވެދާނެ ކަމަށް ބެލެވުމުން ކަމަށެވެ.

ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީން މިހާރު ނިންމާފައިވަނީ ނޮވެމްބަރު 17 ގައި މާލޭގައި އަނެއްކާވެސް ބޮޑު އެއްވުމެއް ބޭއްވުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް