ވެކްސިން ޖެހުމަށް ތައްޔާރު ކުރަނީ-
ވެކްސިން ޖެހުމަށް ތައްޔާރު ކުރަނީ-
ކޮވިޑް 19 އަކީ މުޅި ދުނިޔެއަށް ފެތުރި، މިލިއަންތަކަށް މީހުންގެ ފުރާނަ ދުނިޔެއާ ވަކިކޮށްލި ނުރައްކާތެރި ބަލިމަޑުކަމެކެވެ. މި ބަލިން ރައްކާތެރިވުމަށްޓަކައި ވެކްސިން އީޖާދުކުރެވުމަކީ އިންސާނިއްޔަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. ނަމަވެސް ވެކްސިންއާ ގުޅޭގޮތުން އެކި ކަހަލަ ގޯސް މައުލޫމާތުތައް ފެތުރި، އާންމުންގެ ހިތްތަކުގައި ބައެއް ސުވާލުތައް އުފެދުނެވެ.

މިގޮތުން އެންމެ އާންމު އަދި މުހިންމު ސުވާލުތަކުގެ ތެރޭގައި ކޮވިޑް 19 ވެކްސިންގެ ސަބަބުން ދަރިން ލިބުމުގެ ގާބިލިއްޔަތަށް އަސަރުކުރާނެ ކަމުގެ ބިރު ހިމެނެއެވެ. މިފަހަރު މި ބަލާލަނީ މިކަމާ ގުޅޭގޮތުން ހަދާފައިވާ ސައިންޓިފިކް ދިރާސާތަކުގެ އަލީގައި މި ސުވާލަށް ޖަވާބެއް ދެވޭތޯއެވެ.

މިކަމާ ގުޅޭ ގޮތުން ފުޅާ ދާއީރާއެއްގައި ދިރާސާތަކެއް ހަދާފައިވާއިރު، އެ ދިރާސާތަކުން ދައްކާގޮތުގައި ކޮވިޑް 19 ވެކްސިންގެ ސަބަބުން ދަރިން ލިބުމުގެ ގާބިލިއްޔަތަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)، އެމެރިކާގެ ސެންޓަރސް ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)، އެމެރިކަން ކޮލެޖް އޮފް އޮބްސްޓެޓްރީޝިއަންސް އެންޑް ގައިނަކޮލޮޖިސްޓްސް (އޭސީއޯޖީ) އަދި އެމެރިކަން ސޮސައިޓީ ފޮރ ރީޕްރޮޑަކްޓިވް މެޑިސިން (އޭއެސްއާރްއެމް) ފަދަ އިތުބާރު ހުރި މުއައްސަސާތަކުން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

މިކަމާބެހޭގޮތުން ހެދިފައިވާ ދިރާސާތަކުން ދައްކާގޮތުގައި ދެ ޖިންސުގެ މީހުންނަށް ދަރިން ލިބުމުގެ ގާބިލިއްޔަތަށްވެސް ވެކްސިންގެ ސަބަބުން ބަދަލެއް ނާދެއެވެ.

އަންހެނުންނަށް ވެކްސިން ދިނުމަށްފަހު، އެމީހުންގެ ބިސް އުފެއްދުމުގެ މިންވަރަށާއި، ބިސް ނުކުންނަގޮތަށާއި، މާބަނޑުވުމުގެ ފުރުސަތަށް އެއްވެސް ނޭދެވޭ އަސަރެއް ކުރާކަން ފާހަގަ ކުރެވިފައެއް ނުވެއެވެ. މީގެއިތުރުން ފާރޓިލިޓީ އެންޑް ސްޓެރިލިޓީ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި އައި.ވީ.އެފް ފަރުވާ ހޯދަމުންދާ އަންހެނުންގެ ތެރެއިން ވެކްސިން ޖަހާފައިވާ މީހުންނާއި ނުޖަހާ މީހުންގެ ކާމިޔާބީގެ ރޭޓަށްވެސް ބަދަލެއް ނާންނަކަން ވަނީ ދައްކާފައެވެ. އަދި ވެކްސިން ޖެހި މީހުންނާއި ނުޖަހާ މީހުންގެ ހަމަހަމަ އަދަދެއްގެ މީހުން މާބަނޑުވާ މިންވަރު ދިރާސާކުރި އެހެން ދިރާސާތަކުން ވެސް ވެކްސިންގެ ސަބަބުން ނޭދެވޭ އަސަރެއް ނުކުރާކަން ވަނީ ސާބިތުކޮށްދީފައެވެ.

ހަމައެފަދައިން ފިރިހެނުންނަށް ވެކްސިންގެ އަސަރު ހުރިތޯ ބެލުމަށް ހެދިފައިވާ ދިރާސާތަކުން ވެސް ދައްކާ ގޮތުގައި ވެކްސިން ޖެހުމުގެ ސަބަބުން ސްޕާރމް ސެލްގެ އަދަދަށާއި، ހަރަކާތްތެރިކަމަށާއި، ބައްޓަމަށް އެއްވެސް ބަދަލެއް ނާދެއެވެ. ޖާމާ ޖަރނަލުގައި ޝާއިޢުކޮށްފައިވާ ދިރާސާއެއްގައި، ފިރިހެނުންގެ ސްޕާރމް ސެލް ދިރާސާކުރި އިރު، ވެކްސިން ޖެހުމުގެ ކުރިންނާއި ފަހުން ސްޕާރމް ސެލްގެ ކޮލިޓީއަށް އެއްވެސް ބަދަލެއް ނާންނަކަން ވަނީ ހާމަވެފައެވެ.

ކޮވިޑް 19 ގެ ވެކްސިންތައް، ހާއްސަކޮށް އެމްއާރްއެންއޭ ވެކްސިންތައް މަސައްކަތް ކުރަނީ ހަށިގަނޑުގައި ވަކި ޕްރޮޓީނެއް އުފައްދައިގެން ބައްޔާ ދެކޮޅަށް ދިފާއީ ނިޒާމު ހަރަކާތްތެރި ކުރުވުމަށް ކަމަށް ދިރާސާތަކުން ވަނީ ދައްކާފައެވެ. މި މައުލޫމާތު ދިނުމަށް ބޭނުންކުރާ އެމްއާރްއެންއޭއަކީ ވަގުތީ އެއްޗެއް ކަމަށާއި، އެއީ ޑީއެންއޭއާ އެއްވެސް ގުޅުމެއް ނުވާ، އަދި ޖިންސީ ގުނަވަންތަކަށް ޖަމާވާ އެއްޗެއްވެސް ނޫންކަމަށް ދިރާސާޔަކުން އެނގެއެވެ.

އެހެންކަމުން ކޮވިޑް 19 ވެކްސިންގެ ސަބަބުން ދަރިން ލިބުމުގެ ގާބިލިއްޔަތަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާކަން ސައިންޓިފިކް ހެއްކިތަކުން ވަނީ ސާބިތުކޮށްދީފައެވެ. އެހެންކަމުން، ގޯސް މައުލޫމާތުތަކަށް ސަމާލުކަން ނުދީ، އިތުބާރު ހުރި ސައިންޓިފިކް މައުލޫމާތަށް ބުރަވެ، ތިމާގެ ސިއްހަތާއި މުޖުތަމަޢުގެ ސިއްހަތު ރައްކާތެރިކުރުމަށްޓަކައި ވެކްސިން ޖެހުމަކީ މުހިންމު ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް