މަޖިލީހުގެ ރައީސް އަަދުރޭ (ވ)، ކރީގެ ރައީސް ޔާމީންގެ އަރިހުގައި
މަޖިލީހުގެ ރައީސް އަަދުރޭ (ވ)، ކރީގެ ރައީސް ޔާމީންގެ އަރިހުގައި
އެއް ދުވަހު ކަމުދާ ލީޑަރު އަނެއް ދުވަހު ކަމުނުގޮސްދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުالله ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދާދިފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރި މަހާޒް އަލީ ޒާހިރު އައްޔަނުކުރަން ރައީސް ޑރ. މުޢިއްޒު ފޮނުއްވާފައިވާތީ ރައީސްގެ ނިންމުން ދިފާޢު ކުރަށްވައި ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން އަދުރޭ ވިދާޅުވީ، އެއް ދުވަހަކު އެ ލީޑަރަކާ ނުލާ ދުނިޔޭގައި އުޅެވެންނެތް ލީޑަރަކާއެކު، ފަހުން އެކުގައި ނޫޅެވޭ ހިސާބަށް ވެސް ކަންކަން ބަދަލުވެގެން ހިނގައިދާނެ ކަމަށެވެ. އަދި އިތުބާރަކީ އެހެން އޮންނަ އެއްޗެއް ކަމަށްވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.

"އެއީ ދުނިޔެވީ ގާނޫނު. ފިތުރަތުގެ އުސޫލު. އެއް ދުވަހު ކަމުދާ ލީޑަރު އަނެއް ދުވަހު ކަމުނުގޮސް ހިނގައިދާނެ." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިފަދަ މާނަފުން ބަސްފުޅެއް މަހާޒްގެ މައްސަލާގައި ވިދާޅުވެފައިވާއިރު، ސިޔާސީ ޙަޔާތް ނިންމަވާލައްވާނީ ރައީސް ޔާމީން ބެހެއްޓެވި ހިސާބެއްގައި ހުންނަވައިގެން ކަމަށްވެސް އަދުރޭ މީގެ ކުރިން ވިދާޅުވެފައިވެއެވެ.

އަދި އަދުރޭގެ ދަރިކަލުން ފައިސަލް ވަޒީރުކަމުން ދުރުކުރުމުން އަދުރޭ ވިދާޅުވީ ރައީސް ޑރ. މުޢިއްޒު އާ ދެމެދުގައި އޮތް ގުޅުން ރަނގަޅު ނަަމަ ވަޒީރު ކަމުގެ މަޤާމުން ފައިސަލް ވަކި ނުކުރަށްވާނެ ކަމަށެވެ.

އިތުބާރާމެދު އަދުރޭ ޖަޒްބާތީ ވާހަކަތަކެއް މިއަދު ދައްކަވާފައިވާއިރު، ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަނުކުރަށްވާ ބޭފުޅުންގެ ލިސްޓުގެ ކުރީގައި ރައީސް ހިމަނުއްވާފައި އޮތީ މަޖިލީހުގެ ސުޕަރ މެޖޯރިޓީން މީގެ ދެތިންމަސް ކުރިން މަޤާމުން ވަކި ކުރެއްވި މަހާޒްގެ ނަންފުޅެވެ.



ކިޔުންތެރިންގެ ހިޔާލު