ސުޕަރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރި މަހާޒް އަލީ ޒާހިރު (މ)
ސުޕަރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރި މަހާޒް އަލީ ޒާހިރު (މ)
ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަނު ކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރި މަހާޒް އަލީ ޒާހިރުގެ ނަންފުޅު ރައީސް ފޮނުއްވުމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް މަޖިލީހުގެ ތަޅުމުގައި ސުވާލު އުފައްދަވައި ވާހަކަފުޅު ދައްކަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ފޮނުއްވި ނަންތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އިތުބާރު ނެތްކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެންބަރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރެއްވި ގދ. މަޑަވެލި، މޭނާ، މަހާޒް ޢަލީ ޒާހިރުގެ ނަންފުޅެވެ.

އެކަމާ ގުޅިގެން މީކާއީލް މިއަދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން މަހާޒު ވަކިކުރަމުން ޖޭއެސްސީ އާއި ޕީއެންސީގެ މަޖިލިސް މެންބަރުން މަހާޒް ސިފަ ކުރަސްވާފައިވަނީ، ނަޒާހަތްތެރިކަމެއް ނެތް، ޝަރުއީ ނިޒާމަށް ހުތުރު އަރުވާ ފަނޑިޔާރެއްގެ ގޮތުގައި ކަމަށެވެ.

"ރައްޔިތުން އެބަ ސުވާލު ކުރޭ ކޮބައިތޯ ހަގީގަތަކީ؟ ކާކަށްތޯ އިތުބާރު ކުރަންވީ؟ އެ ދުވަހު ސަރުކާރުން ބުނަމުން ދިޔައީ މަހާޒު އަލީ ޒާހިރަކީ ވަރަށް ކޮރަޕްޓް ބޭފުޅެކޭ. އެހެން ނަމަވެސް މިއަދު އަނެއްކާވެސް ރައީސުލްޖުމްހޫރިއްޔާ އެ ނަންފުޅު މި ފޮނުއްވަނީ ވަރަށް ނަޒާހަތްތެރި ބޭފުޅެއްގެ ގޮތުގައި." މީކާއިލް ވިދާޅުވިއެވެ.

މީކާއީލް މިހެން ވިދާޅުވެފައިވާއިރު ޖޭއެސްސީން ބެލި ސުލޫކީ މައްސަލައެއް ސާބިތުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުން މަހާޒު ވަނީ މި އަހަރުގެ މޭ 14 ވަނަ ދުވަހު ވަކިކޮށްފަ އެވެ.

އަދި އޭގެ ކުރިން މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މަހާޒުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އައި ނަމަވެސް އެ މައްސަލައިގެ އެއްވެސް ތަފުސީލެއް މީޑިއާ އަށް ހާމައެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު