ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް
އިންތިޚާބުތައް އެއްކޮށްލުމަކީ ޖަވާބުދާރީވުމުގެ މަފްހޫމާ ޚިލާފް ކަމެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީސް ކުރާ ގޭގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު މީކާއީލް ވިދާޅުވީ، އިންތިޚާބުތައް އެއްކޮށްލާ ވާހަކަ ރައީސް މުޢިއްޒު ދައްކަވަނީ ހީލަތްތެރި ވިސްނެވުމެއްގައި ކަމަށެވެ. އަދި އިންތިޚާބުތައް އެއްކޮށްލުމަކީ ޖަވާބުދާރީވުމުގެ މަފްހޫމާ ޚިލާފް ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީކާއީލް މިއަދު ވިދާޅުވީ، މަޖިލީސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލުމަށް އެމްޑީޕީން ތާޢީދު ނުކުރާނެ ކަމަށާއި، އެގޮތަށް ހަދައިފިނަމަ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންނަށް ލިބޭ ފުރުސަތު ނިގުޅައި ގަނެވުނީ ކަމަށެވެ. އަދި ދުނިޔޭގެ ޤައުމުތަކުގައި ކޮންގްރެސް އިންތިޚާބަކީ ދައުރުގެ މެދުން ބާއްވާ އިންތިޚާބެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު އެމްޑީޕީގެ މުޒާހަރާއިން ހައްޔަރު ކޮށްފައިވާ މީހުންނަށް މުއްދަތު ޖަހާފައިވާތީ އެކަމާ ގުޅޭގޮތުންވެސް މީކާއީލް މިއަދު ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން މުޒާހަރާތަކުން ހައްޔަރުކުރާ މީހުންނަށް މުއްދަތު ޖެހުމަކީ ދިވެހިންގެ މަސައްކަތުން ނިމުމަކަށް ގެނެސްފައިވާ ކަމެއް ކަމަށާއި، ނަމަވެސް އަނެއްކާވެސް އެކަން އިއާދަވާ މަންޒަރު ފެންނަމުން ދާކަމަށް މީކާއީލް ވިދާޅުވެފައިވެއެވެ.

މީކާއީލް ވިދާޅުވީ މުޒާހަރާ ކުރުމަކީ ރައްޔިތުންނަށް ލިބިފައިވާ އަސާސީ ޙައްޤެއް ކަމަށާއި، ނަމަވެސް އެއަށްވުރެ ނުރައްކާތެރި ކުށްކުރާ މީހުންގެ ބަންދަށް 3 ދުވަސް ނުވަތަ 5 ދުވަސް ޖެހުމަށްފަހު މުޒާހަރާއިން ގެންދާ މީހުންނަށް 15 ދުވަސް ޖެހުމަކީ އިންސާފު ކަމަށް ޤަބޫލު ނުކުރަށްވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު