ރައްޔިތުންނަށް ވީ ވައުދުތައް ފުއްދައި ނުދެވުމުން ސަރުކާރުން މިހާރު އުޅެނީ ރައްޔިތުންނަށް ބިރުދައްކަން ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕުން އިއްޔެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ޝަމްހީދު ވިދާޅުވީ، އޮކްޓޫބަރު 3 ވަނަ ދުވަހު މުޒާހަރާއިން ގިނަ ބަޔަކު ހައްޔަރުކުރި ގޮތުން، ރައްޔިތުންނަށް ބިރުދެއްކުމުގެ މަންޒަރެއް ސިފަވެގެންދިޔަ ކަމަށެވެ. އެގޮތުން، ކުރީގެ މެމްބަރު ޔާސިރާއި އިތުރު ބަޔަކު ހައްޔަރުކުރި މަންޒަރު ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފެނުނު ކަމަށް ޝަމްހީދު ވިދާޅުވިއެވެ.

"އެތާ ކުރި ހުރިހާ ކަމެއް ހުރިހާ ދިވެހި ރައްޔިތުން ކުރިމަތީގައި ހުރިހާ ކަމެއް ހިނގައިގެން ދިޔައީ،" ޑރ. ޝަމްހީދު ވިދާޅުވިއެވެ.

އޭގެއިތުރުން ޑރ. ޝަމްހީދު ވިދާޅުވީ، ހައްޔަރުކުރެވުނު ފަރާތްތަކުން އެއްވެސް ބާރުގެ ބޭނުންކޮށްފައިނުވާ ކަމަށާއި، ދަނޑިބުރި ނުވަތަ އެނޫންވެސް ހަތިޔާރެއް ބޭނުންކޮށްފައި ނުވާކަން ފެނިފައިވާ ކަމަށެވެ. އެފަދަ ބަޔަކަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާތީ، މިއީ ސަރުކާރުގެ މިސްރާބު މުޅިން ބަދަލުވެއްޖެކަމުގެ ނިޝާނެއްކަމަށް ޑރ. ޝަމްހީދު ވިދާޅުވިއެވެ.

ޑރ. ޝަމްހީދު ވަނީ، ރާއްޖޭގައި އަނެއްކާވެސް ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކުރެވިދާނެކަމުގެ ބިރުވެރިކަން ފާޅުކޮށްފައެވެ.

"ސަތާރަ ނޮވެމްބަރު ހަމަޔަށް އަންނައިރު ކުއްލި ނުރައްކަލެއް ހާލަތުވެސް މިދާގޮތަށް ދާނަމަ ނާންނާނެއެކޭ އަޅުގަނޑަކަށް ނުބުނެވޭނެ." ޑރ. ޝަމްހީދު ވިދާޅުވިއެވެ.

ޑރ.ޝަމްޙީދު ވަނީ މިޒަމާނުގައި މިފަދަ ކަންކަން ތަކުރާރުކޮށް، ދިވެހިރާއްޖެ ފަހަތަށް ގެންދިއުމުގެ ބަދަލުގައި، ޒިންމާދާރުކޮށް އަމަލުކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

"ރައްޔިތުންނަށް ބިރުދެއްކުމާއި ސިޔާސީ ގޮތުން މީހުން ހައްޔަރުކުރުމުގައި އަނެއްކާ މި ބައި އަޅުގަނޑުމެން ފަށައިފިނަމަ މުޅި ޤައުމު އަނެއްކާވެސް ދިހަ އަހަރު ނޫނީ ވިހި ތިރީސް އަހަރު ފަހަތަށް ތި ގެންދަވަނީ،" ޑރ. ޝަމްހީދު ވިދާޅުވިއެވެ.

އޭގެ އިތުރުން ރައްޔިތުންނަށް ތެދު ހާމަކޮށް، ވައުދުތައް ފުއްދުމަށް ސަރުކާރަށް ޝަމްޙީދު ގޮވާލެއްވިއެވެ. އަދި އެކަން ކުރެވިއްޖެނަމަ ރައްޔިތުންގެ އިހުތިރާމު ލިބޭނެކަމަށް ޝަމްހީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު