ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް-
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް-
ދުރު ރާސްތާ ސާފު ޕްލޭނެއް ނެތި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް އެތަކެއް ވައުދުތަކެއް ވަމުން ގެންދެވުމަކީ ދައުލަތަށް ލިބިގެންދާ އިތުރު މާލީ ބުރައެއް ކަމުގައި ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

އައްބާސް މިހެން ވިދާޅުވެފައި މިވަނީ ރައީސް ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އެ ރަށްރަށުގެ ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދުތަކަށް އިޝާރާތްކުރައްވައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އައްބާސްގެ ޕޯސްޓުގައި ވިދާޅުވީ މިއަދު މިފެނިގެންދަނީ ގައުމުގެ އިގްތިސޯދު ދަތިވެ، އިންފްލޭޝަން މައްޗަށް ގޮސް، ރާއްޖޭގެ ގިނަ ރައްޔިތުންގެ ދިރިއުޅުން ވަރަށް ދަތިވެފައިވާ މަންޒަރު ކަމަށެވެ.

"ރައްޔިތުން މިއަދު ތިބީ ޒަރޫރީ ޚިދުމަތްތަކަށްވެސް ފައިސާ ނެތިފައި ވަރަށް ބިކަހާލުގައި. އަދި ރާއްޖޭގެ ދަރަނި އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން މިދަނީ. މީގެ ސަބަބުން ދުވަހަކު ރައްޔިތުން ފަގީރު ނުވާ މިންވަރަށް ފަޤީރުކަން އިތުރުވެ ރައްޔިތުންގެ އަތްމަތި ދަތިވެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ނުކުޅެދިފައިވަނީ،" އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ ޒަރޫރީ ހިދުމަތްތަކަށް ފައިސާ ނުލިބި، ގައުމުގެ ދަރަނި އިތުރު ވަމުންދާ މި ދަނޑިވަޅުގައި، ދުރުރާސްތާ ސާފު ޕްލޭނެއް ނެތި ރައީސް ޑރ. މުއިއްޒު ވަޑައިގަންނަވާ ކޮންމެ ރަށެއްގެ ރައްޔިތުން ކުރިފުޅުމަތީގައި އެތަކެއް ވައުދު ތަކެއް ވަމުން ގެންދެވުމަކީ ދައުލަތަށް އިތުރު މާލީ ބުރައަކަށް ވެގެންދާނެ ކަމެއް ކަމަށެވެ.

ޒަރޫރީ ބޭނުންތަކުގެ އަގު ދަށްނުކޮށް، ރައްޔިތުންގެ އަނގައާ އަތާ ދިމާނުވާ ހާލަތުގައި، ރައްޔިތުންގެ އޮރިޔާން ނިވާނުވާ ހާލަތުގައި ބައިތިއްބައިގެން، ރައީސް ޑރ. މުއިއްޒު ވަޑައިގަންނަވާ ކޮންމެ ރަށެއްގައި ވައުދުތަކެއްވެފައި ދުނިޔޭގެ ޤައުމުތަކުގައި ސަލާންޖަހައިގެން ރައްޔިތުންގެ ނަމުގައި ބޮޑެތި ދަރަނި ނަގައިގެން އެއްވެސް އިމާރާތެއް އެޅުމުގެ ބޭނުމެއްނެތް ކަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު