މަޝްހޫރު އިގްތިސާދީ މާހިރު، މުހައްމަދު ނަސީމް (ނަފާ ނަސީމް)
މަޝްހޫރު އިގްތިސާދީ މާހިރު، މުހައްމަދު ނަސީމް (ނަފާ ނަސީމް)
މޯލްޑިވްސްގައި އިހްތިރާމާއި ލޯބި ލިބޭނީ ކާޑު ޖަހައިގެން އޭޓީއެމުން ކަމަށް މަޝްހޫރު އިގްތިސާދީ މާހިރު، މުހައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

ނަފާ ނަސީމް މިހެން ވިދާޅުވީ، ރާއްޖެއަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓް އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލެ ބަނދަރުގައި ހުއްޓާ ގެއްލުމާ ގުޅިގެން މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. އޭގެ އިތުރުން އެމްޑީޕީ ސަރުކާރުގެ ވަޒީރުން އޭސީސީއަށް ޙާޟިރު ކުރަން ޗިޓު ފޮނުވާފައިވާތީ އެކަމަށްވެސް ނަސީމް ވަނީ އިޝާރާތް ކުރަށްވާފައެވެ.

އެގޮތުން ނަސީމް ވިދާޅުވީ، ފެންނަމުން މިދަނީ ފަތުއަޑުކިޔާފައި އިންސާފުލިބޭ މަންޒަރު ކަމަށާއި، ބައެއް މައްސަލަތަކުގައި މީސްމީހުން އޭސީސީއަށް ޙާޟިރު ކުރާއިރު އަނެއްބައި މައްސަލަތަކުގައި ހިމެނޭ މީހުންނަކީވެސް ދަޢުލަތުގެ ބޮޑު ސިއްރެއް ކަމަށެވެ.

"އެއްކޮޅުން އިދިކޮޅުމީހުން އޭސީސީއާ ފުލުހަށް. އަނެއްކޮޅުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ޑޮލަރާ ސިނގިރޭޓާ މުދައު ގެއްލެނީ. މީހުނާ ކުންފުނި ވެސް ސިއްރު? ދެން އިހްތިރާމާ ލޯބި ލިބޭނީ ކާޑު ޖަހައިގެން އޭޓީއެމުން! މީ މޯލްޑީސް ދީ?" ނަސީމް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ނަސީމް ވިދާޅުވީ، ސިޔާސީ ބަދަލު ހިފުމާ ހަތުރުވެރިކަން އިތުރުވެ، ތަހުގީގުތަކާ ޝަރިއަތްތައް ގިނަވެ، ޖަލުގެ ގޮޅިތައް ފުރޭވަރަކަށް ޑިމޮކްރަސީ ހަރުދަނާވާނެ އިންސާފު އިތުރުވާނެ ކަމަށެވެ.

"ހަސަދަޔާ ފިތުނަޔާ ކަރަޕްޝަނާ ނެތޭނެ. ލޯތްބާއި އިހްތިރާމު ލިބޭނެ." ނަސީމް ވިދާޅުވިއެވެ.

ނަސީމް މިހެން ވިދާޅުވެފައިވާއިރު، ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށް އޭސީސީން ބަލަމުންދާ މައްސަލަ ތަކެއްގެ ތަހުގީގަކަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި، ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޢާއިޝަތު ޢަލީ އެކޮމިޝަނަށް ހާޒިރުވާން ވަނީ އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު