ފޮޓޯ: ބަންގްލަދޭޝް ރެޑް ކްރެސެންޓް
ފޮޓޯ: ބަންގްލަދޭޝް ރެޑް ކްރެސެންޓް
އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް (އައިއެފްއާރސީ)ގެ މޫސުމާ ބެހޭ ސެންޓަރުން ހާމަކުރާގޮތުގައި، 51.6 މިލިއަނެއްހާމީހުން، ކޮވިޑް-19 ގެ ބަލިމަޑު ކަމާއެކުވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރިމަތިވަމުންދާ މޫސުމީ ކާރިސާތައް ތަހައްމަލު ކުރަމުންދެއެވެ. އަދި މިބަލިމަޑުކަމުގެ ސަބަބުން މޫސުމީ ކާރިސާތައް ތަހައްމަލު ކުރަންޖެހިފައިވާ މީހުންނަށް، އާންމު ހާލަތްތަކަށްދާން ބޭނުންވާނޭ ޒަރޫރީ ބޭނުންތައްދަނީ އިތުރުވަމުންނެވެ.

އައިއެފްރާސީގެ މޫސުމާ ބެހޭ ސެންޓަރުގެ ރިޕޯޓުތައް ބުނާގޮތުގައި، މިހާތަނަށް ދުނިޔޭގެ އެކި ހިސާބުތަކަށް އާދަޔާ ހިލާފު 132 މޫސުމީ ކާރިސާތައް މިއަހަރުގެ ތެރޭގައި ކުރިމަތިވެފައިވާއިރު، ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައިވެސް 92 ކާރިސާއެއް ކުރިމަތިވެފައިވެއެވެ.

"ކޮވިޑް-19 އަށް މޫސުމީ ކާރިސާތަކެއް ނުހުއްޓޭ، އެތައް މިލިއަން ބަޔަކު ކޮވިޑް-19 އާއެކު މޫސުމީ ކާރިސާތައް ތަހައްމަލް ކުރަމުންއެބަދޭ، ކުރެވެން އޮތްހާވެސް ކަމަކީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން." ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، އައިއެފްއާރސީގެ ރައީސް، ފްރަންސެންކޯ ރޮކާ ވިދާޅުވެފައިވެއެވެ.

އައިއެފްއާރްސީ އިން ބުނާގޮތުގައި، އޭޝިޔާ އަދި އެމެރިކާގެ ސަރައްހަދުތަކުގެ އެކި މޫސުމީ ކާރިސާތަކުގައި ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓް ގެ ދަރުމަވެރިންދަނީ އެހީތެރިވުމަށް ހަރަކާތްތެރިވަމުންނެވެ. މިކާރިސާތަކުގެ ތެރޭގައި ފެންބޮޑުވެ ކުދި އަވަށްތަކަށް ގެއްލުންވުމާއި، ގެތައް އޮޔާ ދިޔުމާއި، ކާބޯ ތެކެތި އޮޔާ ގޮސް، ދިރިއުޅުމަށް އެތައް ބަދަލްތަކެއް އައިސްފައިވެއެވެ.

އަދި އެމެރިކާގެ އެކި ސަރަހައްދުތަކަށް ކުރިމަތިވަމުންދާ އެކި ކަހަލަ އަލިފާނުގެ ހާދިސާތަކަށް އިޖާބަ ދިނުމުގެ ގޮތުން، ބޯހިޔާ ވަހިކަމާއި، ކާބޯތަކެތި ފޯރުކޮށްދިނުމަށް ރެޑް ކްރޮސްގެ ދަރުމަވެރިން ހަރަކާތްތެރިވެފައިވެއެވެ. މީގެ އިތުރުން އެމެރިކާ ސަރަހައްދަށް ކުރިމަތިވަމުންދާ އެކި ތޫފާންތަކަށް މުޖްތަމައު ރައްކާތެރިވުމަށާއި، އިޖާބަ ދިނުމަށްވެސް ދަރުމަވެރިން ހަރަކާތްތެރިވަމުންދެއެވެ.

މިކަމާ ގުޅޭގޮތުން، އައިއެފްރާސީގެ މޫސުމާ ބެހޭ ސެންޓަރުގެ ކްލައިމެޓް އެޑްވައިޒަރ ޖޫލީ ވިދާޅުވެފައިވާގޮތުން، ދުނިޔޭގެ ފިނިހޫނުމިނަށް އަންނަ ބަދަލްތަކާ ހުރެ ކުރިމަތިވާ މޫސުމީ ކާރިސާތަކުގެ އަސަރު ބޮޑުކަމަށާއި، ކޮވިޑް-19 އާ ގުޅިގެން ކާރިސާތަކުން ދުނިޔެއަށް އިތުރު ދަތިތައް ތަހައްމަލް ކުރަންޖެހިފައިވާ ކަަމަށްވެސް ޖޫލީ ފާހަގަ ކުރެއްވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގުޅިގެން ކޮވިޑް-19 އިން ރައްކާތެރިވުމަށް ފިޔަވަޅު އަޅާފައިވާ ގޮތަށް މޫސުމަށް އަންނަ ބަދަލްތަކުން ރައްކާތެރިވުމަށް ފިޔަވަޅުއެޅުމަށް ގައުމުތަކުގެ އިސްވެރިންނަށް އައިއެފްއާރސީގެ ރައީސް، ފްރަންސެންކޯ ރޮކާ ވަނީ ގޮވާލައްވާފައެވެ.

ދުނިޔޭގެ އެކިކަންކޮޅުގައި ކޮވިޑް-19 އާއެކު މޫސުމީ ކާރިސާތަކަށް އިޖާބަ ދިނުމަށް އައިއެފްއާރްސީގެ 14 މިލިއަނެއްހާ ދަރުމަވެރިން ހަރަކާތްތެރިވާކަމަށްވެސް އައިއެފްއާރްސީ އިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން