އެމްޑިޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު
އެމްޑިޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު
ރިޓާޔަރޑް ބަޔަކު ނަގައިގެން ޖުމްހޫރީ މައިދާނުގައި އޭރާއި މިހާރުގެ ކޮރަޕްޝަންތައް ބެލުމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ޚިޔާލު ފާޅު ކުރަށްވައިފިއެވެ.

އެގޮތުން މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ރީކޯ ވިދާޅުވީ، ރައްޔިތުން އިތުބާރުކުރާ ރިޓާޔަރޑް ބަޔަކު ނަގައިގެން ޖުމްހޫރީ މައިދާނުގައި ޓެންޓް ޖަހައިގެން އޭރާއި މިހާރުގެ ކޮރަޕްޝަންތައް ބަލައިގެން ނަމަވެސް އިންސާފު ޤާއިމުވަމުންދާކަން ރައްޔިތުންނަށް ކަށަވަރު ކޮށްދޭން ޖެހޭ ކަމަށެވެ.

ރީކޯ މިހެން ވިދާޅުވެފައިވާއިރު، ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި އޭސީސީން ބަލަމުންދާ މައްސަލަ ތަކެއްގެ ތަހުގީގަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި، ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޢާއިޝަތު ޢަލީ އާއި ކުރީގެ ބަންޑާރަނާއިބު އިބްރާހިމް ރިފްޢަތު އޭސީސީއަށް ހާޒިރުވާން ވަނީ އަންގާފައެވެ.

އެކަންކަމާ ގުޅިގެން ރީކޯ ވިދާޅުވީ، ރައްޔިތުން ޤަބޫލުކުރާ ރިޓަޔަރޑް ބަޔަކު ނަގައިގެން ކުރީ ސަރުކާރުތަކުން ކޮށްފައިހުރި ވައްކަމާއި ކަރަޕްޝަނާއި، އަނިޔާގެ މައްސަލަތައް ބަލައި، އިންސާފުން ފިޔަވަޅު އެޅުމަށް ޖުމްހޫރީ މައިދާނުގައި ޓެންޓެއް ޖަހައި 4 މޭޒު ބަހައްޓައގެން ޓީވީތަކުން ލައިވްކޮށްގެން ތަޙްޤީގާއި، ޝަރީޢަތްކޮށް ޙުކުމްކޮށް އިންސާފު ޤާއިމް ކުރަން ޖެހޭ ކަމަށެވެ.

"ވައްކަމާއި، ކަރަޕްޝަން ސާބިތުވާ އެންމެންގެ ގެދޮރާއި މުދާވިއްކާ، ސަރުކާރުގައި ތިބެގެން މީހުންގެ ނަފްސާއި މުދަލަށް ގެއްލުންދީ އަނިޔާކުރި މީހުން ޖަލަށްލައި އަދި މިހާރުގެ ސަރުކާރުގައިވެސް. އެފަދަކަމެއް ކުރާކަމަށް ރައްޔަތުން ޝައްކުކުރާ މީހަކު ހުރިނަމަ އެމީހަކުވެސް ޙާޒިރުކޮށް 3 މަސްދުވަސްތެރޭ މިކަން ނިންމަން." ރީކޯ ވިދާޅުވެފައިވެއެވެ.

ހަމއެއާއެކު ރީކޯ ވިދާޅުވީ، މިނިވަން މުއައްސަސާތަކަކީ މަޖިލީހުގެ މެޖޯރިޓީއަށް ބަލައިގެން، ވަޒީފާގެ ބިރަށް ކަންކުރާ ބައެއް ކަމަށް ރައްޔަތުން ޝައްކު ކުރާ ކަމަށެވެ. އެހެންކަމުން އެފަދަ މުއައްސަސާތަކަކުން ކުރީގެ ސަރުކާރޭ ކިޔައގެން ކަންކަން ނުކޮށް ހާމަކޮށް މިކަން ނިންމަންޖެހޭ ކަމަށެވެ.

"ދެން ކޮންމެ ބަޔަކު ވެރިކަމަށް އެރިޔަސް މިދެންނެވި ގޮތަށް މިކަން ކުރުވަން ބާރުއަޅާ އަޑުއުފުލަން އަޅުގަނޑު ނުކުންނާނަން. ރައްޔަތުންވެސް ނެރޭނަން އިރާދަކުރެއްވިއްޔާ." ރިކޯ ވިދާޅުވިއެވެ.

ރީކޯ މިހެން ވިދާޅުވެފައިވާއިރު އޭރާއި މިހާރުގެ ސިޔާސީ އިސް ފަރާތްތަކެއްގެ ކޮރަފްޝަންގެ މައްސަލަތަކެއް އަދީބް ފައިލްސްއާއެކު ފެންމަތިވެފައިވާއިރު، ފެނަކައިގެ އޮޑިޓް ރިޕޯޓަކާއި، މަޖިލީސް މެންބަރަކަށް ތުހުމަތު ކުރެވޭ އެމްއެމްއޭގެ އިންޓެލިޖެންސް ރިޕޯޓެއްވެސް މީޑިއާއަށް މިފަހުން ވަނީ ތިލަވެފައެވެ.



ކިޔުންތެރިންގެ ހިޔާލު