ރައީސް ޑރ. މުހައްމަދު މުއިއްޒު ފޯކައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ފޯކައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
އަންނަ އަހަރު ށ. ފޯކައިދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ކުރިއަށްގެންދަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައި މިވަނީ ށ. އަތޮޅުގެ ރަށްތަކަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޯކައިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ފޯކައިދޫގެ ތަރައްގީއަށް މުހިއްމު މަސައްކަތްތަކެއް ކުރައްވަން އެބަހުރިކަމާއި އެ މަސައްކަތްތައް ވަރަށް އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާނެކަމަަށެވެ. އޭގެ ތެރޭގައި މިއަދު ފެށި 3 މަޝްރޫޢުއާއި މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ހިމެނޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ މަސައްކަތްތަކުން ރައްޔިތުންނަށް ނަފާ ލިބޭނެ ކަމަށެވެ.

މި މަސައްކަތްތައްކުގެ އިތުރަށް ރައްޔިތުންނަށް ދަތިވާ ކަންތައްތައް އެބަހުރިކަމަށާއި ކުޅިވަރުގެ ދާއިރާއިން މިއަހަރު އިތުރު މަޝްރޫއުތަކެއް ފަށަން ގަސްތުކުރާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން މިމަހުގެ ތެރޭގައި ފުޓްސަލް ދަނޑަކާއި ހޭންޑް ބޯޅަ ދަނޑު ތަރައްޤީކުރުމަށް ބަޔަކާ ހަވާލުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ފޯކައިދޫ ސްކޫލަށް ދިމާވެފައިވާ ޖާގައގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރައްވާނެކަށާއި، އެގޮތުން ސައިންސް ލެބަކާއި އޭވީ ރޫމް ފަދަ ތަންތަން އެމަޝްރޫޢުގެ ތެރެއިން ތަރައްޤީކުރާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރަށުގެ މޫދަށް އޭރޭ ސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތާއި، ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ މައްސަލަ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ ސިއްޙީ މަރުކަޒުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ކުރަމުންދާކަންވެސް ރައީސް ފާހަގަަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ފޯކައިދޫގައި ހައުސިންގ މަޝްރޫޢު ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށާއި އަންނަ އަހަަރުގެ ބަޖެޓް ފާސްވުމާއެކު އެކަން ބަޔަކާ ހަވާލުކުރުމަށް ނިންމާފައިވާކަމަށެވެ. ހަމައެއާއެކު އަންނަ އަހަރު އުމްރާނީ ގޮތުންވެސް އިތުރު ކުރިއެރުންތައް އެރަށަށް ގެންނަވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު