ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މަލީޙް ޖަމާލް
ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މަލީޙް ޖަމާލް
މުޅި ޤައުމު މިއޮތީ ކަލްކީ ބިޑީގެ ދަށުވެ ބިޑި އޮޅަން ކަމަށާއި، ވިޔަފާރިވެރިން ގޮތްހުސްވެފައިވާ ކަމަށް ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީޙް މިހެން ވިދާޅުވީ، ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިއަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓޭނަރުގައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ހުއްޓައި ގެއްލުނު މައްސަލައިގައި ރާއްޖޭގެ މަޝްހޫރު ދެ ވިޔަފާރިވެރިއަކު ރޭ ހައްޔަރު ކުރުމާއި ގުޅިގެންނެވެ.

ސިނގިރެޓް ކޮންޓޭނަރުތައް ވަގަށް ނެގި މައްސަލާގައި ރޭ ފުލުހުން ހައްޔަރު ކޮށްފައިވަނީ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ހޯލްޑިންސްގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި) ހިމެނޭހެން ހަތަރު މީހެކެވެ.

އެކަމާ ގުޅިގެން މަލީޙް ވިދާޅުވީ، ސިނގިރޭޓުން ވައްކަން ކުރަން ހުޅުވައިދިން ދޮރަކީ މިސަރުކާރުގެ އުފެއްދުމެއް ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ވަގުވިޔަފާރި ކުރުން އިތުރުވެ، ދަށްކޮލިޓީގެ ދުންފަތުގެ އިސްތިއުލާކުރުން އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މުޅި ޤައުމު ކަލްކީ ބިޑި ދަށުވެ ބިޑި އޮޅަނީ. އިޤްތިސޯދު އޮތީ ވިޔަފާރިވެރިންނަށް ގޮތް ހުސްވާ ހާލަތު." މަލީޙް ވިދާޅުވިއެވެ.

މަލީޙް މިހެން ވިދާޅުވެފައިވާއިރު ފުލުހުން ރޭ ބުނީ ސިނގިރޭޓު ކޮންޓޭނަރުތައް ވަގަށްނެގި މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހެއްގެ ފުރުން މަނާކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން، މައްސަލައާ ގުޅިގެން ބައެއް އުޅަނދުތަކާއި ތަންތަން ބަލައި ފާސްކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ރާއްޖެއަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ޕޯޓުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އިން ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލޭގެ ބަނދަރުގައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ސިނގިރޭޓް ނެތްކަން ފާހަގަވީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭގައެވެ. އެ މައްސަލަ ކަސްޓަމްސް އާއި ފުލުހުން ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު