ކަސްޓަމްސް އިން އަތުލައިގަތް ސިނގިރޭޓުތަކެއް
ކަސްޓަމްސް އިން އަތުލައިގަތް ސިނގިރޭޓުތަކެއް
13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލާގައި އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑު ކޮށްފިއެވެ.

އެމްޕީއެލްގެ ބަނދަރުގައި ހުއްޓައި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލާގައި މިހާތަނަށް ހިމޭނުން އޮތް އެމްޕީއެލުން މިއަދު ބުނީ، ސިނގިރޭޓުތައް ގެއްލުނުކަން އެނގުނީ މިދިޔަ ބުދަ ދުވަހުގެ ރޭގައި ކަމަށާއި، އެހާ ހިސާބުން އެ މައްސަލައިގެ އެތެރޭގެ ތަހުގީގެއް ފެށި ކަމަށެވެ. އަދި މިދިޔަ އާދިއްތަ ދުވަހު ފަސް މުވައްޒަފަކު ސަސްޕެންޑުކޮށް، މިއަދު އިތުރު މުވައްޒަފަކު ސަސްޕެންޑުކޮށްފައިވާ ކަމަށާއި ކުންފުނީގެ އެތެރޭގެ ތަހުގީގުތައް ފުލުހުންގެ ތަހުގީގަށް ހުރަސްނޭޅޭ ގޮތަށް ކުރަމުންދާކަމަށް އެމްޕީއެލުން ބުނެފައިވެއެވެ.

އެމްޕީއެލުން ބުނީ، ކުންފުނީގެ ސެކިއުރިޓީ އާކިޓެކްޗަރ އިތުރަށް ހަރުދަނާ ކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތައް ދައުލަތުގެ ސަލާމަތީ ބާރުތަކާއި ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކާއި ވުޒާރާތަކާ ގުޅިގެން ފަށައިފައިވާ ކަމަށެވެ. އަދި މައްސަލައިގައި ޝާމިލުވާ އެއްވެސް މުވައްޒަފަކާމެދު ފިޔަވަޅު އެޅުމަށް އެކުންފުނިން ފަސް ނުޖެހޭނެ ކަމަށާއި ފުލުހުންގެ ތަހުގީގަށް ހުރަސްނޭޅޭ ގޮތަށް މައުލޫމާތު ހިއްސާކުރާނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

އެމްޕީއެލުން މިހެން ބުނެފައިވާއިރު، ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިއަހަރުގެ އޭޕްރީލްމަހު ކަސްޓަމްސްއިން ހިފެހެއްޓި ދެ ކޮންޓޭނަރުގައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ހުއްޓައި ގެއްލުނު މައްސަލައިގައި ރާއްޖޭގެ މަޝްހޫރު ދެ ވިޔަފާރިވެރިއަކު ރޭ ވަނީ ހައްޔަރު ކޮށްފައެވެ.

ސިނގިރެޓް ކޮންޓޭނަރުތައް ވަގަށް ނެގި މައްސަލާގައި ރޭ ފުލުހުން ހައްޔަރު ކޮށްފައިވަނީ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ހޯލްޑިންސްގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި) ހިމެނޭހެން ހަތަރު މީހެކެވެ.

ރާއްޖެއަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ޕޯޓުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އިން ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލޭގެ ބަނދަރުގައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ސިނގިރޭޓް ނެތްކަން ފާހަގަވީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭގައެވެ. އެ މައްސަލަ ކަސްޓަމްސް އާއި ފުލުހުން ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު