އިމިގްރޭޝަނުން އިއްޔެ ހުޅުމާލޭގައި ހިންގި އޮޕަރޭޝަން- ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަނުން އިއްޔެ ހުޅުމާލޭގައި ހިންގި އޮޕަރޭޝަން- ފޮޓޯ: އިމިގްރޭޝަން
ހުޅުމާލޭގައި އިއްޔެ އިމިގްރޭޝަންގެ ޓާސްކް ފޯހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 12 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރިތައް ހިންގާ އަދި އެފަދަ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންނަށް އަމާޒުކޮށްގެން، ހުޅުމާލެ ފޭސް 1 ގައި ޓާސްކްފޯސްއިން އިއްޔެ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި ވާކަމަށެވެ.

މި އޮޕަރޭޝަނުގެ ދަށުން ޖުމްލަ 12 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެ އިދާރާއިން ހާމަކުރިއެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ހިމެނެނީ ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ 5 މީހުންނާއި، ބިދޭސީން ރެކްރޫޓްކޮށް އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވަމުންދިއަ 3 މީހުންގެ އިތުރުން ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރަމުންދިއަ 4 މީހުން ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ސަރުކާރުން މިހާރު އަންނަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާމެދު ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ޓާސްކް ފޯހުން ހިންގާ އޮޕަރޭޝަންތަކުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވޭ ބިދޭސީން ޑީޕޯޓު ކުރުމިގެ މަސައްކަތް އިމިގްރޭޝަނުން ދަނީ ކުރަމުންނެވެ. މިހާރުވެސް މިދިޔަ މަހުގައި ހިންގި އޮޕަރޭޝަންތަކުގައި އަތުލައިގަނެވުނު 132 ބިދޭސީން ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރެވެމުން ދާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ހަމައެއާައެކު ކުރަނގި އޮޕަރޭޝަންގެ ދަށުން 178،982 މީހެއްގެ މަޢުލޫމާތު ހޯދާފައިވާއިރު، ޤަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރެއިން 8609 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ޑީޕޯޓުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު