ކުރީގެ ބަންޑާރު ނައިބު އިބްރާހީމް ރިފްއަތު
ކުރީގެ ބަންޑާރު ނައިބު އިބްރާހީމް ރިފްއަތު
ކުރީގެ ބަންޑާރު ނައިބު އިބްރާހީމް ރިފްއަތުވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރު ކޮށްފި އެވެ.

އެމްޑީޕީ ސަރުކާރުގެ ބަންޑާރަ ނައިބު، ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފައި ވަނީ މިއަދު މެންދުރުފަހު 14:30 ގައެވެ. ރިފްއަތު އޭސީސީ އަށް ހާޒިރުވި ވަގުތު، އެ ސަރަހައްދުގައި އެމްޑީޕީގެ މެމްބަރުން ވަނީ އެއްވެ، އެކަމާ ދެކޮޅަށް އަޑުއުފުލާފައެވެ.

ރިއްފަތު އޭސީސީއަށް ހާޒިރުކޮށްފައި މިވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގެ އިސްވެރިން އޭސީސީއަށް ހާޒިިރުކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން މިދިޔަ އާދީއްތަ ދުވަހު ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އޭސީސީ އަށް ހާޒިރު ކޮށްފައި ވާއިރު، ފަހުން ހޯމަ ދުވަހު ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް ވެސް ވަނީ އޭސީސީއަށް ހާޒިރު ކޮށްފައެވެ. އަދި ހަމައެއާއެކު ބުދަ ދުވަހު ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީވެސް ވަނީ އޭސީސީއަށް ހާޒިރުކޮށްފައެވެ.

އެމްޑީޕީން ބުނަމުންދަނީ މިއީ އިދިކޮޅުގެ ދައުރަށް ހުރަސް އަޅައި، ސަރުކާރާ ދެކޮޅަށް އެމްޑީޕީ އިން ކުރިއަށް ގެންދާ ހަރަކާތްތައް ފަހަތަށް ޖައްސައި، އެމްޑީޕީގެ އިސްވެރިން އަދި މެމްބަރުންނަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރުން ރާވައިގެން ހިންގަމުންދާ އަމަލުތަކެއް ކަމަށެވެ. މިކަމާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު