އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު (ކ)، އަމްރު (މ)، މާލީ ވަޒީރު މޫސާ ޒަމީރު (ވ)
އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު (ކ)، އަމްރު (މ)، މާލީ ވަޒީރު މޫސާ ޒަމީރު (ވ)
މާލެ އަތޮޅު ގުޅި ކައިރީގައި ރަށެއް ހިއްކުމަކީ އިޤްތިސާދީ ގޮތުން ދެކޮޅުޖެހޭނެ ކަމެއް ނޫން ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ހުވަފެނީ މަޝްރޫޢެއް ކަމަށްވާ ރަސްމާލެ ހިއްކަން ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޗާފު ކުރަން މަސައްކަތް ކުރަމްދާ ކަމަށް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެންނެވެ. އެގޮތުން އެފަދަ ޚަބަރެއް މީސްމީޑިއާގައި ޙިއްސާ ކުރަށްވަމުން އަމްރު ވިދާޅުވީ ގުޅި ކައިރީގައި ރަށެއް ހިއްކުމަކީ ރާއްޖޭގެ މާލީ ހާލަތުވެސް ތަނެއް ނުދޭ ކަމެއް ކަމަށާއި، އެކަމާމެދު ހުރިހާ ވަޒީރުންވެސް ދެކޮޅުހައްދަވަން ޖެހޭ ކަމަށެވެ.

"މާލީ ވަޒީރު މިކަމާ ދެކޮޅު ހައްދަވަންޖެހޭ. އިޤްތިސާދީ ވަޒީރު މިކަމާ ދެކޮޅު ހައްދަވަންޖެހޭ. ހުރިހާ ވަޒީރުން މިކަމާ ދެކޮޅު ހައްދަވަންޖެހޭ." އަމްރު ވިދާޅުވިއެވެ.

އަމްރު މިބީދައިން ވިދާޅުވެފައިވާއިރު، ރަސްމާލެ ހިއްކުމަށްޓަކައި އެމްއެމްއޭއިން 2 ބިލިއަން ރުފިޔާ ޗާފުކުރުމަށްފަހު ޕެންޝަން ފަންޑުގައި އިސްވެސްޓްކޮށް ފިނޭންސް މިނިސްޓްރީން ޕެންޝަން ފަންޑުން ޓީ-ބިލު ގަނެގެން އެފައިސާ ސަރުކާރުގެ ބޭނުމަށް ލިބޭނެ މަގު ތަނަވަސް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރާއްޖޭގެ އޮންލައިން މީޑިއާއެއްގައި ރިޕޯޓް ކޮށްފައިވެއެވެ.

މިފަދަ ޚަބަރުތަކެއް މީޑިއާ އަށް ތިލަވެފައިވާއިރު ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތުގެ ކުރިންނާއި، އޭގެ ފަހުންވެސް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ 5 އަހަރުގެ ދައުރު ނިންމަވާ ލައްވާނީ، ފައިސާ ޗާޕު ކުރުމެއްނެތި ކަމަށެވެ.

އަދި އެމަނިކުފާނު ސަރުކާރު ހިންގަން ފެށުމާއެކު ދައުލަތުން ފައިސާ ޗާޕްކުރުން ހުއްޓާލާފައިވާ ކަމަށާއި، ފައިސާ ޗާޕުކުރުމަކީ އިހްލާސްތެރި މަގު ނޫން ކަމަށްވެސް ރައީސް މުޢިއްޒު މީގެކުރިން ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު