ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ
ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ
އަންނަ ނޮވެމްބަރު މަހުގެ 17 ގައި އެމްޑީޕީން މާލޭގައި މުޒާހަރާކުރާ ސަބަބުތައް ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ ވިދާޅުވެ ދެއްވައިފިއެވެ.

ޙުސައިން މީސްމީޑިއާގައި ވިދާޅުވީ، ނޮވެމްބަރު 17 ގައި ރައްޔިތުން މަގުތަކަށް ނިކުންނަނީ ސަރުކާރުގެ ހިންގުން ބޮއްސުންލައި ގޯހުންގޯހަށް ކަންތައްތައްދާތީ ކަމަށެވެ. އެގޮތުން ބައެއް ކަންތައްތައް ޙުސައިން ވަނީ ފާހަގަ ކުރަށްވާފައެވެ.

ޙުސައިން ވިދާޅުވީ، ނޮވެމްބަރު 17 ގައި މުޒާހަރާއަށް ނިކުންނަނީ ސަރުކާރުން ފައިސާ ޗާޕްކުރާ މެޝިނަކަށް ޕެންޝަން ފަންޑު ހަދާތީ ކަމަށެވެ. އަދި އެމްއޭސީއެލް ބަގުަރޫޓް ކުރުން ހުއްޓުވަން ޖެހޭ ކަމަށާއި، ބޭންކް އޮފް މޯލްޑިވްސް އަކީ ޕީއެންސީގެ ޖަގަހައަކަށް ހަދާފައިވާތީ އެކަންވެސް ހުއްޓުވަންޖެހޭ ކަމަށް ޙުސައިން ވިދާޅުވިއެވެ.

ހަމައެއާއެކު ޙުސައިން ވިދާޅުވީ، މިސަރުކާރަށް ތަކެތީގެ އަގުތިރިކުރަން ނޭނގޭ ކަމަށާއި، އެމްޕީއެލްގައި ހުންނަ ކޮންޓެއިނަރުތައްވެސް ވާނުވާ ނޭންގި ގެއްލެމުންދާ ކަމަށެވެ. އޭގެއިތުރުން ޑިއުޓީ ނުދައްކާ ސިގިރޭޓް ބާޒާރަށް ނެރެ ދައުލަތް ލޫޓުވަމުން ދިއުމަކީވެސް މުޒާހަރާ ކުރަން ނިކުންނަ ސަބަބެއް ކަމަށް ޙުސައިން ވިދާޅުވިއެވެ.

ޙުސައިން މިހެން ވިދާޅުވެފައިވާއިރު، އަންނަ މަހުގެ 17 ވަނަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ނިންމާފައެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުން މިގޮތަށް ނިންމީ އޮކްޓޯބަރ 3 ގައި އެޕާޓީން ސަރުކާރަށް ކޮށްފައިވާ ޑިމާންޑްތައް ސަރުކާރުގެ ސަމާލުކަމަށް އިތުރަށް ގެނައުމަށް ކަމަށް ބުނެއެވެ.

އޮކްޓޯބަރ 3ގެ މުޒާހަރާގައި އެމްޑީޕީން ވަނީ ފަސް ޑިމާންޑެއް ސަރުކާރަށް ވަނީ ކޮށްފައެވެ. އޭގެތެރޭގައި ދައުލަތުގެ ބާރުތައް ހިސޯރުކޮށް ހައްގުތައް ނިގުޅައިގަތުމަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު އަނބުރާ އިޔާދަކުރުމާއި، ދިވެހިރާއްޖޭގެ މާލީ ސިޔާސަތު ފުނޑާލާ އެސްއޯއީތައް މެދުވެރިކޮށް ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައި ބަޖެޓު ލޫޓުވުން ހުއްޓުވައި، ޕްރައިވެޓް ސެކްޓާ ކުރިއެރުވުމަށް ހުރަސްއެޅުން ހުއްޓުވުމާއި، ކުރިއަށް އޮތް ފަސް ހަފްތާ ތެރޭގައި ކުންފުނިތަކަށް ދޭން ޖެހޭ ފައިސާދީ ނިންމުން ހިމެނެއެވެ.

ހަމައެއާއެކު ލާމަރުކަޒީ ނިޒާމު އިހު އޮތް ގޮތަށް އިޔާދަކޮށް، ބާރުވެރިކަން ރަށްރަށުން ނިގުޅައިގަތުން ހުއްޓުވާލުމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާ ކޮންޓްރޯލްކުރާ ގާނޫނު އުވާލުން ހިމެނެއެވެ. އަދި އާސަންދަ އާއި ރައްކާތެރި ބޭސް 17 ނޮވެމްބަރު 2023 އާއި ހަމައަށް އޮތްގޮތަށް ދިވެހިންނަށް ލިބެމުން އައި މިންވަރަށް މިހިނދުން މިހިނދަށް ލިބިދިނުމަށް ވެސް އެމްޑީޕީން ވަނީ ސަރުކާރަށް ޑިމާންޑްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު