އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު (ކ) ރައީސް ޑރ. މުޢިއްޒު (ވ)
އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު (ކ) ރައީސް ޑރ. މުޢިއްޒު (ވ)
އައްޑޫ ވޯޓުގައި ސަރުކާރުން ދެކޭގޮތަކާއި އެކަމުގެ ސަބަބު ހާމަނުކުރުމަކީ ގޯހެއް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވެފައިވާއިރު، އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެނައުމަށް ނަގާ ވޯޓު މިމަހުގެ 25 ވަނަ ދުވަހު ނެގުމަށްވަނީ ހަމަޖެހިފައެވެ. އަދި އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ފެނޭތޯ ބެލުމަށް ބާއްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގައި ސަރުކާރުގެ "ވަކި ސްޓޭންޑެއް ނެތް" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.

އެކަމާ ގުޅިގެން އަމްރު ވިދާޅުވީ، ސަރުކާރުން ބޭނުންވެގެން ނަގާ ވޯޓެއްގައި ސަރުކާރުން ދެކޭގޮތަކާއި އެކަމުގެ ސަބަބު ހާމަނުކުރުމަކީ ގޯހެއް ކަމަށެވެ.

މިވޯޓުގައި ސަރުކާރުގެ ސްޓޭންޑެއް ނެތްކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވި ނަމަވެސް ދަޢުލަތުގެ ބައެއް ވަޒީރުން ގެންދަވަނީ އައްޑޫ ސިޓީ ކައުންސިލުން ފޭދޫ ވަކިވުމަށް ތާޢީދު ހޯއްދެވުމަށް އެ އަވަށުގައި ކެމްޕޭން ކުރަށްވަމުންނެވެ.

މިވޯޓާއި ގުޅިގެން އީސީގެ ރައީސް ޒާހިދު ވިދާޅުވީ، އެވޯޓުގައި 9،577 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށާއި، މި އިންތިޚާބުގައި ބައިވެރިވެވޭނީ ހުޅުދޫ އާއި މީދޫ އާއި ފޭދޫގެ ރައްޔިތުންނަށް އެކަނި ކަމަަށެވެ. އައްޑޫ އާންމު ވޯޓުގައި 11 ވޯޓު ފޮށްޓެއް އައްޑޫގައި ބަހައްޓާއިރު، ރީ-ރަޖިސްޓްރޭޝަނުގެ މުއްދަތު ހަމަވިއިރު އެކަމަށް އެދި ހުށަހެޅީ އެންމެ 255 މީހުންނެވެ.

އައްޑޫ ޢާއްމު ވޯޓުގައި ހުޅުދޫ އާއި މީދޫގެ ރައްޔިތުންނާ ދެ ސުވާލެއް ކުރަން ހަމަޖެހިފައިވާ ކަމަށް އީސީގެ ރައީސް ޒާހިދު ވިދާޅުވިއެވެ. އެއީ އައްޑު އަތޮޅު ހުޅުދުއަށް ހާއްސަ ކުރެވިގެން ހުޅުދޫ ކައުންސިލް އުފައްދަން ފެނޭތޯ އާއި އައްޑު އަތޮޅު ހުޅުދު އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގުމަށް ދެ ރަށުގައި އެއް ކައުންސިލެއް ހިންގަން ފެނޭތޯ އެހުންކަމަށް ޒާހިދު ވިދާޅުވިއެވެ.

ހަމައެއާއެކު، މީދޫ ރައްޔިތުންނަށްވެސް ސުވާލު ކުރާނީ މީދޫ ވަކި ކައުންސިލެއްގެ ގޮތުގައި ހިންގަން ފެނޭތޯ އާއި، ހުޅުދު އާއި މީދޫ ކައުންސިލް، އެއް ކައުންސިލެއްގެ ގޮތަށް ހިންގަން ފެނޭތޯ ކަމަށް ޒާހިދު ވިދާޅުވެފައިވެއެވެ. އޭގެއިތުރުން ފޭދުއަށް ކުރާނީ އެންމެ ސުވާލެއް ކަމަށާއި އެއީ އެ ރަށަށް ހާއްސަ ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ކަމަށް ޒާހިދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު