ކުރީގެ ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله
ކުރީގެ ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله
ގަދަބާރުން ޑޮލަރު ނަގައިގެން ހިންގަން އުޅުނު ދިއުޅިއެއްނުވާ ސިޔާސަތު ފޭލިވެފައިވާ ކަމަށް ކުރީގެ ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ހުވަފެނީ މަޝްރޫޢެއް ކަމަށްވާ ރަސްމާލެ ހިއްކަން ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޗާފު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަށްވައި މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ.

އެގޮތުން އިމްރާން ވިދާޅުވެފައިވަނީ، ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕުކޮށް، އެފައިސާ ސަރުކާރަށް ނަގައިގެން ކުރިއަށް އޮތް ލޯކަލްކައުންސިލް އިންތިޚާބުގައި އެފައިސާ ބަހަން އުޅޭނެ ކަމާމެދު ޝައްކު ނުކުރާ ކަމަށެވެ.

އަދި ޕެންޝަން އޮފީހުގެ އިންވެސްޓްމަންޓެއްކަމަށް ދޭހަވާގޮތަށް އެތަނުގެ ބޯޑަށް ބިރުދައްކައިގެން ކުރާކަމަކީ ހީލަތްތެރި ރޭވުމެއްގެ ތެރެއިން ސަރުކާރުގެ ހިންގުމުގެ ބޭނުމަށް ފައިސާ ޗާޕުކުރުން ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. އަދި އެގޮތަށް އެކަން ކުރުމުން ނިކުންނަ ނަތީޖާއަކީ ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ޕެންޝަންގެ ސިފަ ގެއްލި ޓެކުހެއްގެ ކުލަތައް މާބޮޑަށް ޖެހިގެންދިއުންކަން އިމްރާން ފާހަގަ ކުރެއްވިއެވެ.

"މިކަމުން ދޭހަކޮށްދޭ އަނެއްކަމަކީ އިގްތިސާދު ހަމަޔަކަށް އެޅުވުމަށް ކަމަށްބުނެ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ވަންނަ ޑޮލަރު އެމްއެމްއޭ މެދުވެރިކޮށް ގަދަބާރުން ސަރުކާރަށް ނަގައިގެން ހިންގަން އުޅުނު ދިއުޅިއެއްނުވާ ސިޔާސަތު ނުހިނގާ ފޭލިވެއްޖެކަން." އިމްރާން ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު އިމްރާން ވަނީ، ގިނަޢަދަދެއްގެ ފައިސާ އެގޮތަށް ޗާޕު ކުރުމުން ޑޮލަރުގެ އަގު އިތުރަށް އުފުލޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

އިމްރާން މިހެން ވިދާޅުވެފައިވާއިރު، ރަސްމާލެ ހިއްކުމަށްޓަކައި އެމްއެމްއޭއިން 2 ބިލިއަން ރުފިޔާ ޗާފުކުރުމަށްފަހު ޕެންޝަން ފަންޑުގައި އިސްވެސްޓްކޮށް ފިނޭންސް މިނިސްޓްރީން ޕެންޝަން ފަންޑުން ޓީ-ބިލު ގަނެގެން އެފައިސާ ސަރުކާރުގެ ބޭނުމަށް ލިބޭނެ މަގު ތަނަވަސް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރާއްޖޭގެ އޮންލައިން މީޑިއާއެއްގައި ރިޕޯޓް ކޮށްފައިވެއެވެ.

މިފަދަ ޚަބަރުތަކެއް މީޑިއާ އަށް ތިލަވެފައިވާއިރު ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގަތުގެ ކުރިންނާއި، އޭގެ ފަހުންވެސް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ 5 އަހަރުގެ ދައުރު ނިންމަވާ ލައްވާނީ، ފައިސާ ޗާޕު ކުރުމެއްނެތި ކަމަށެވެ. އަދި އެމަނިކުފާނު ސަރުކާރު ހިންގަން ފެށުމާއެކު ދައުލަތުން ފައިސާ ޗާޕްކުރުން ހުއްޓާލާފައިވާ ކަމަށާއި، ފައިސާ ޗާޕުކުރުމަކީ އިހްލާސްތެރި މަގު ނޫން ކަމަށްވެސް ރައީސް ޑރ. މުޢިއްޒު މީގެކުރިން ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު