ޕީއެންއެފްގައި އިސްކޮށް ހަރަކާތްތެރިވާ މުޙައްމަދު މަލީހް ޖަމާލް
ޕީއެންއެފްގައި އިސްކޮށް ހަރަކާތްތެރިވާ މުޙައްމަދު މަލީހް ޖަމާލް
ރައްޔިތުންގެ ކަންކަން ވަކިގޮތަކަށް ނިންމީމާ ހަދިޔާ ދެވޭނެކަމަށް ބުނުމަކީ ޤާނޫނީ ކުށެއް ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ އަދި ޕީއެންއެފްގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިހެން ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުގެ ދަށުން އިދާރީ ގޮތުން ހުޅުދު އާއި މީދޫ އަދި ފޭދޫ ވަކިކޮށް، އެ ތިން ރަށުގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން އަންނަ ހޮނިހިރު ދުވަހު ނަގާ ވޯޓުގައި ސަރުކާރުން ބޭނުންވާ އެއްވެސް ގޮތެއް ނެތް ކަމަށާއި ވަކި ކައުންސިލްތައް ހަދަން އެ ތިން ރަށުން ނިންމައިފި ނަމަ ސަރުކާރުން ދޫކުރާ ބްލޮކް ގްރާންޓު ވެސް ވަކިން ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.

ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޮނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މުޅި އައްޑޫ ސިޓީ އަށް މިހާރު ކަނޑައަޅާފައި އޮންނަނީ "އެއް ބަޖެޓު" ކަމަށާއި އެކަމަކު ރައްޔިތުން ނިންމާ ގޮތަކުން ކުރިމަގުގައި ފޭދު އާއި ހުޅުދު އާއި މީދޫ އަށް ވަކި ބަޖެޓެއް ލިބޭނެ ކަމަށެވެ.

ރައީސް ވަނީ ކޮންމެ ކައުންސިލަަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ބްލޮކް ގްރާންޓު ނުވަތަ ހިލޭ ދޫކުރާނެ ފައިސާގެ އަދަދުވެސް ހާމަކުރައްވާފައެވެ. އެގޮތުން ފޭދޫގެ ރައްޔިތުން ވަކި ކައުންސިލެއް ހަދަން ނިންމައިފި ނަމަ އަހަރަކު 25 މިލިއަނެއްހާ ރުފިޔާ އެ ކައުންސިލަށް އެކަނި ލިބޭނެ ކަމަށާއި، ހުޅުދޫ ކައުންސިލަށް ގާތްގަނޑަކަށް 13 ނުވަތަ 14 ވަރަކަށް މިލިއަން ރުފިޔާ ލިބޭނެ ކަމަށާއި، މީދޫ ކައުންސިލަށް ގާތްގަނޑަކަށް 18 މިލިއަން ރުފިޔާ ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި މަލީހް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ރައީސް މުއިއްޒުއާމެދު ފިޔަވަޅު އަޅަންވީ ވަގުތު މިހާރު މިއޮތީ އައިސް ޖެހިފައި ކަމަށެވެ.

"ރައްޔިތުންގެ ކަންކަން ނިންމާނީ ރައްޔިތުން. ރައްޔިތުންގެ ކަންކަން ވަކިގޮތަމަށް ނިންމީމާ ހަދިޔާ ދޭވާހަކަ ބުނުމަކީ ޤާނޫނީ ކުށެއް" މަލީހް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު