ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ
މިނިސްޓަރަކަށް މަޖިލީހުގެ ތަޅުމުގައި ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި މެންބަރުންނަށް ޖަވާބު ނުދެއްވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ޣަފޫރު މިހެން ވިދާޅުވީ، މިއަދުގެ މަޖިލީހުގެ ތަޅުމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ކޯފާ އިސްކުރަށްވައި މެންބަރުނަށް އަތްދިއްކުރަށްވަމުން ސިޔާސީ ގޮތުން ރައްދުތަކެއް ދެއްވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ނުރުހުން ފާޅު ކުރަށްވަމުން ޣަފޫރު ވިދާޅުވީ، މަޖިލީހުގައި މިއަދު މިނިސްޓަރ ޝަހީމްގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

"ގާނޫނީ ޒިންމާއެއް އަދާކުރަން މިނިސްޓަރު ވަޑައިގެން، މިނިސްޓަރަކަށް ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި މެންބަރުންނަށް ޖަވާބު ދިނުމަކީ އެއީ މިނިސްޓަރެއްގެ ހައިސިއްޔަތުން ބަލާއިރު ހަޑިހުތުރު ކަމެއް." ޣަފޫރު ވިދާޅުވިއެވެ.

މިއަދުގެ މަޖިލީހުގެ ތަޅުމުގައި އެމްޑީޕީ މެންބަރުން އިސްލާމިކް މިނިސްޓަރާއި ސުވާލު ކުރުމަށް ލަދު ގަންނަން ޖެހޭނެ ކަމަށް ޑރ. ޝަހީމް ވިދާޅުވުމާ ގުޅިގެން މަޖިލީސްގެ ތަޅުން ކުޑަވަގުތު ކޮޅަކަށް ހޫނުވެފައިވެއެވެ.

އަދި އެކަމަށް ޙައްލެއް ގެނައުމަށްޓަކައި މަޖިލީހުގެ ރިޔާސަތުންވަނީ މަޖިލީހުގައި އިޙްތިޖާޖު ކުރަށްވަމުން ގެންދެވި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު