ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު
ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު
މުޅި ހުޅުމާލޭ ފޭސް އެކަކަށް ބަންގީގެ އަޑު އިވޭނޭ ގޮތެއް ހައްދަވައި ދެއްވުމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަރިހުން މިއަދު އެދިވަޑައިގެންފިއެވެ.

މިއަދުގެ މަޖިލީހުގެ ތަޅުމުގައި ޑރ. ޝަމްހީދު ވިދާޅުވީ، ހުޅުމާލޭ މިސްކިތްތަކުގެ އަޑު ވަރަށް މަޑު ކަމަށާއި، އެކަމަށް ޙައްލެއް ހޯއްދަވައި ދެއްވުމަށް އެދިލައްވާ ކަމަށެވެ. އަދި އެހެން ދިމާވަނީ މިސްކިތްތައް ތަރުތީބު ކުރެވިފައި ހުރި ގޮތުގެ ސަބަބުން ކަމަށް ވެދާނެ ކަމަށްވެސް ޑރ. ޝަމްހީދު ވިދާޅުވެފައިވެއެވެ.

ޑރ. ޝަމްހީދުގެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުގައި ތިބި ބަޔަކު މިސްކިތްތަކުގެ ސައުންޑް ސިސްޓަމްތަކުގެ އަޑު މަޑު ކުރުމަކީ މިނިސްޓްރީގެ މައްސަލައެއް ނޫންކަމަށެވެ. އަދި މިސްކިތްތަކުގެ ސައުންޑް ސިސްޓަމްތަކަކީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި އެއްޗެހި ކަމަށްވެސް ވަޒީރު މިއަދު ވިދާޅުވެފައިވެއެވެ.

އަދި މިނިސްޓްރީން ހިތްވަރުދެނީ ވީހާވެސް ބޮޑަށް ބަންގީގެ އަޑު އިއްވުމަށް ކަމަށާއި، އެގޮތުން ޢިމާރާތްތަކުގެ 25 ވަނަ ބުރީގައި އުޅޭ މީހުންނަށް އަޑުއިވޭވަރަށް ބަންގީގެ އަޑު ބެހެއްޓުމަށް އަންގަމުން ދާކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

"ސިޓީ ކައުންސިލަށް އަޅުގަނޑުމެން ތަކުރާރުކޮށް އެދެމުން މިދަނީ ސައުންޑް ސިސްޓަމްތަކާއި ނުކުޅޭށޭ ތިބޭފުޅުން.. ބަންގި ފަތުރަން އަޅުގަނޑުމެން ހިތްވަރުދެނީ.. ސައުންޑް ސިސްޓަމްގެ ތަޅުދަނޑި މިއޮންނަނީ ސިޓީ ކައުންސިލްގައި. މަނިކުފާނާއި އެތާނގައި ހުންނަވާ ބޭފުޅާއާއި ވަރަށް ގާތްހެން އަޅުގަނޑަށް ހީވަނީ. ވާދަވެރި ދެބޭފުޅުން ކަމަށް ވެދާނެ. އެކަމަކު ބަންގީގެ މައްސަލާގައި ވާދަވެރިކަމެއް އޮވެގެން ނުވާނެއެންނު." ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް މިއަދު މިހެން ވިދާޅުވެފައިވާއިރު، މީގެ ކުރިން ޑރ. ޝަހީމް މީސްމީޑިއާގައި ވިދާޅުވެފައިވަނީ، ބަންގީގެ އަޑު ވީހާވެސް ދުރަށް އިވޭގޮތަށް ބެހެއްޓި ނަމަވެސް ކުޑަކުދިން ނިދާ ގަޑިތަކުގައްޔާއި، އުޒުރުވެރިން ގޭގައި ކުރާ ނަމާދުތަކަށް ދަތިނުވާނެހެން، މިސްކިތްތަކުގައި ނަމާދުކުރުން ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅުގޮތް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު