މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ސުވާލު ކުރެއްވުން
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ސުވާލު ކުރެއްވުން
އިސްލާމިކް މިނިސްޓްރީން އެކި ކުންފުނިތަކަށް 170 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މިއަދު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، މީގެކުރިން ފަށާފައިވާހުރި ބައެއް މަޝްރޫޢުތައް ނުނިމި ލަސްވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މަޝްރޫޢުތައް ކަމުގެ ތަޖުރިބާއާއި ޤާބިލްކަން ނެތް ކުންފުނިތަކާއި ހަވާލުކޮށްފައި ހުރުން ކަމަށެވެ. ނަމަވެސް މިފަދަ އެތައް ގޮންޖެހުންތަކަކާއެކުވެސް މަޝްރޫޢުތަކުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް އިސްލާމިކް މިނިސްޓްރީން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާއިތުވެދިޔަ ސަރުކާރު ނިމިގެން ދިޔައިރު އެކިކުންފުނިތަކަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކާ އޮތްކަން ފާހަގަކުރައްވާ މި ސަރުކާރު ފެށުނީއްސުރެ މިހާތަނަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އެކި މަޝްރޫޢުތަކަށް 170 މިލިއަނަށްވުރެ ގިނަ ރުފިޔާ ކުންފުނިތަކަށް ދައްކާފައިވާކަން ވަޒީރު ވަނީ ފާހަގަކުރަށްވާފައެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ 2026 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ނިންމާ އިފްތިތާޙް ކުރުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން މިސްކިތްތަކާއި އިސްލާމީ މަރުކަޒުތަކާއި ޤުރުއާނާއި ބެހޭ މަރުކަޒުތައް ހިމެނޭހެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް 2026 ވަނަ އަހަރު ނިމިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އޭގެއިތުރުން ވަޒީރު ވިދާޅުވީ، މި ދައުރުގެ ތެރޭގައި 500 ޙާފިޡުން އުފެއްދުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށާއި ފާއިތުވެދިޔަ ރަމަޟާން މަހުގެ 27 ވިލޭރޭ ބޭއްވުނު ޙާފިޡުންގެ ދަސްވެނިވުމުގައި 24 ޙާފިޡުން ދަސްވެނިވެފައިވާއިރު 1447 ވަނަ އަހަރުގެ ދަސްވެނިވުމުގައި 50 އަށްވުރެ ގިނަ ޙާފިޡުން ދަސްވެނިވާނެކަމަށް ލަފާކުރެެވޭކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޙާފިޡުންނަށް ދެމުންދާ އެލަވަންސް ދެގުނައަށް އިތުރުކުރެވި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދު ފުރިހަމަކުރެވިފައިވާކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު