ރީކޯ މޫސާ މަނިކު
ރީކޯ މޫސާ މަނިކު
ލ. އަތޮޅުގައި ފަތުރުވެރިކަމަށް އިންވެސްޓްކުރާ މީހުންނަށް ދިމާވާ ދަތިތައް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެ ދެއްވައިފިއެވެ.

މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި މޫސާ މަނިކު މިއަދު ވިދާޅުވީ، ލ. އަތޮޅުގައި އިތުރު ރިސޯޓް ހުޅުވުމަކީ ލ. އަތޮޅުގެ ރައްޔިތުންނަށް އޮތް ފައިދާއެއް ކަމަށެވެ. ނަމަވެސް އެއަތޮޅުގައި ފަތުރުވެރިކަން އާލާކުރުމަށްޓަކައި މަސައްކަތްކުރާ އިންވެސްޓަރުންނަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން މޫސަ ފާހަގަ ކުރަށްވާފައިވެއެވެ.

އެގޮތުން މާލެއާ ދުރުވުމުން ދަތުރު ފަތުރާއި މުދާ ގެނައުމުގައި އަގުތައް ބޮޑުވެ ފަތުރުވެރިންނަށް ދޭންޖެހޭ ޚިދުމަތުގެ އަގުބޮޑުވާ ކަމަށް މޫސަ ވިދާޅުވިއެވެ.

"ގެސްޓްހައުސްތަކާއި ރީތި ބީޗްތައް އޮތް މި އަތޮޅުގެ އެންމެބޮޑު ތަކްލީފަކީ މަތިންދާބޯޓުގައި މީހުން ގެނައުމުގައި ނަގާ އަގެވެ." މޫސަ ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު މޫސަ ވިދާޅުވީ، ލ. އަތޮޅަށް ދެމެހެއްޓެނިވި ތަރައްޤީ ގެނެވޭނީ ރާއްޖޭން ބޭރުން ގެންނަމުދާ މިހާރުވެސް ތަރައްޤީ ކޮށްފައި އޮތް މާންދޫ ބަނދަރަށް ބޭލޭނެ މަގު ފަހިވެގެން ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ކުރިމަތީ ރިސޯޓު ހަދަން އެއްބަސްވުމުގައި ސޮއިކޮށްފައި އިންވެސްޓް ކޮށްގެން މުދަލާ ފަތުރުވެރިން ގެނައުމުގައި އަގުބޮޑުވެ ލޯނާއި ކުލި ނުދެއްކިގެން ފަސް އަހަރު ތެރޭ ބޭންކުން އިނވެސްޓްމަންޓް ވިއްކާލާއިރު ދެން އަންނަ ސަރުކާރަކުން ދެނަހުރި ކަމަކަށްވެސް ނުހަދާނެ." ރީކޯ ވިދާޅުވިއެވެ.

މޫސަ މިހެން ވިދާޅުވެފައިވާއިރު، ރައީސް ޑރ. މުޢިއްޒު ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ކައްދޫގައި އިންޓަނޭޝަނަލް ފެންވަރުގެ އެއަރޕޯޓެއް 2800 މީޓަރުގެ ރަންވޭ އަކާއެކު ތަރައްޤީ ކުރުމަށް އެމްއޭސީއެލް އާއި ވަނީ ޙަވާލު ކޮށްފައެވެ. ރައީސް ވިދާޅުވީ ކައްދޫ އެއަރޕޯޓުގެ މަޝްރޫޢަކީ، މުޅި އަތޮޅަށް ފަތުރުވެރިކަން ފުޅާކުރުމަށް މުހިއްމު މަޝްރޫޢެއްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު