ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ކަނޑުގެ ބަނދަރާއި ވައިގެ ބަނދަރުގައި ރައްކާތެރިކަމެއް ނެތުމަކީ އެއްކޮށް ފެއިލްވުން ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވެފައި މިވަނީ ސިނިގިރޭޓުުގެ އަގު އިންތިހާއަށް ބޮޑުވެފައިވަނިކޮށް، އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުރި 2 ކޮންޓޭނަރުގެ ސިނގިރޭޓު ވަގަށް ނަގާފައިވާ ދަނޑިވަޅެއްގައެވެ. އަދި ޑޮލަރު ލިބުން ތާށިވެ، 20 ރުފިޔާއަށް ޑޮލަރެއްގެ އަގު އަރާފައި ވަނިކޮށް، ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޤައުމީ ބޭންކުގެ ޑޮލަރު ސޫޓްކޭހެއް ފޭރިގަނެގެން ވަގުން ފިލާފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

މިކަންކަމާމެދު ކަންބޮޑުވުން ފާޅު ކުރަށްވަމުން ޑރ. ޖަމީލް ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ބަނދަރާއި ވައިގެ ބަނދަރުގެ ރައްކާތެރިކަން މިއަދު ނެތްކަމަށާއި، އެހެންކަމުން މިއީ ބޮޑު ފެއިލްވުމެއް ކަމަށެވެ. އަދި އެއްބައްރަކަށް ރާއްޖެ އޮތްނަމަ ކަންތައްތައް ވެދާނެ ގޮތެއް ތަސައްވަރުވެސް ކޮށް ނުލެވޭ ކަމަށް ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

"ދެން ކޮން ވިޔަފާރިއެއްގެ ވާހަކަ ދައްކާކަށް؟ މިކަމުން ހާމަވަނީ ރާއްޖޭގައި އެއްވެސް މީހަކަށް ރަައްކާތެރި ކަމެއް ނެތްކަން. އެއްކޮށް ފެއިލް ވެއްޖެކަން. އާބާދީ ތަންކޮޅެއް ގިނަ އަދި ބިން ބޮޑު ގައުމަކަށް ވީނަމަ، ކިހާވަރެއް ވާނެބާ؟" ކަންބޮޑުވުން ފާޅުކުރަށްވަމުން ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވެފައިވާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ޤައުމީ ބޭންކުގެ ދެ މުވައްޒަފަކަށް ވަޅިން ބިރުދައްކައި، ގިނަޢަދަދެއްގެ ޑޮލަރު ހުރި ސޫޓްކޭހެއް ފޭރިގެންފައިވާ މައްސަލައެއްް އިއްޔެ ފެންމަތިވެފައިވެއެވެ. މި މައްސަލާގައި 4 މީހުން ހައްޔަރުކުރި ނަމަވެސް އެމީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އޭގެއިތުރުން ކަސްޓަމްސްއިން ހިފަހައްޓައި އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލާގައި މިހާތަނަށް ހައްޔަރު ކޮށްފައިވާ 9 މީހުންގެ ތެރޭގައި ހިމެނެނީ ވިޔަފާރިވެރިންނާއި ދަޢުލަތުގެ ވަޒީފާތަކުގައި ތިބި އާދައިގެ މުވައްޒަފުންނެވެ.



ކިޔުންތެރިންގެ ހިޔާލު