ޢަދާލަތު ޕާޓީގެ ރައީސް އިމްރާން
ޢަދާލަތު ޕާޓީގެ ރައީސް އިމްރާން
އުއްމީދު ކުރިގޮތާއި ޚިލާފަށް ރައީސްގެ ކިބައިގައި އެއްވެސް ހަމައެއް ލަމައެއް ނެތްކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތައް ސަސްޓެއިނެބަލް ޓައުންޝިޕްގެ ގޮތުގައި ތަރައްގީ ކުރެވޭ ގޮތަށް މަޖިލީހަށް ހުށައަޅާފައިވާ އިސްލާޙަށް ފާޑުވިދާޅުވަމުންނެވެ.

އެގޮތުން އިމްރާން ވިދާޅުވީ، ސަރުކާރުގެ އިސްފަރާތްތަކުގެ އަމިއްލަ ފައިދާއަށް މިޤައުމުގެ ބިންތައް ބޭރު މީހުންނަށް ބަހާލުމަށް ދިވެހިން ފުރުސަތު ދީފާނެކަމަށް ހީކުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

"ބޭނުންފުޅު ކޮންމެ ރަށެއް، ފަޅެއް ފިނޮޅެއް އެއީ ސްޕެޝަލް އިކޮނޮމިކް ޒޯނަކަށް ހަދައި، ބޮޑެތި ކުށްތަކުގައި ހިމެނޭ ބޭރުގެ މާފިޔާތަކުން ބިލިއަނުން ފައިސާ ނަގައި އަމިއްލަ ޖީބުފުރާލާއިރު ވާނުވާ ނޭންގޭ ވަރަށް ދިވެހިން ގަމާރުކަމަށް ހީފުޅުނުކުރައްވާ!" އިމްރާން ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު އިމްރާން ވިދާޅުވީ، ދިވެހީންނަށް الله މިންވަރު ކުރެއްވި ނިޢުމަތްތައް ފޭރިގަތުމަށް އުޅޭ ބޭރުގެ ޢަދާވާތްތެރިންނާއި އެތެރޭގެ ޣައްދާރު ޚާއިނުން ބަލިވާނެ ކަމަށާއި، މީގެ ކުރިންވެސް އެފަދަ ފަރާތްތަކުގެ ކިބައިން މި ޤައުމު ސަލާމަތްކުރަން ދިވެހި ދަރީން ނިކުތްފަދައިން މިއަދުވެސް އެ ތާރީޚު އިޔާދަވާނެ ކަމަށެވެ.

"ސްޕެޝަލް އިކޮނިމިކް ޒޯންގެ ޤާނޫނަށް ބަދަލުގެނައުމަށް ސަރުކާރުން މަޖިލީހަށް ފޮނުވާފައި އެއޮތް ބިލުން އެކަނިވެސް ހާމަވަނީ ފައިސާ އާ ޖެހުނީމަ ރައީސް މުއިއްޒުގެ ކުރިފުޅުމަތީގައި ދީނާއި ގައުމާމެދު އެއްވެސް ޙުރުމަތެއް ނެތްކަން. އަދި ކުރިން ހީކުރެވުނު ގޮތާ ޚިލާފަށް އެމަނިކުފާނުގެ ކިބައިގައި އެއްވެސް ހަމައެއް ލަމައެއް މިފަދަ ކަންކަމުގައި ނެތްކަން." އިމްރާން ވިދާޅުވިއެވެ.

ހަމައެއާއެކު އިމްރާން ވަނީ މިދިޔަ ސަރުކާރުން މާލޭ ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތިތައް އަތުލުމަށް އިނގުރައިދޫ ދާއިރާގެ މަޖިލީސް މެންބަރު ފަލާޙް ގޮވާލައްވާފައިވާތީ އެކަމަށްވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން އިމްރާން ވިދާޅުވީ، ފަލާޙްގެ އެޚިޔާލުފުޅު ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި ފާޅުކުރެއްވިނަމަ ރައްޔިތުންގެ ނިންމުން ތަފާތުވީސް ކަމަށެވެ.

އަދި މިފަދަ ބަސްތަކުގެ ސަބަބުން މިސަރުކާރުގެ ބަހާއި، ޢަމަލުގައި ހުރި ތެދުވެރިކަން ރައްޔިތުންނަށް ފެނިގެންދާ ކަމަށް އިމްރާން ވިދާޅުވިއެވެ.

"ތިޔަގޮތަށް ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އަދި މަޖިލިސް އިންތިޚާބު ދުވަސްވަރު ފާޅު ކުރެއްވިނަމަ މަނިކުފާނަށް ތިޔަގޮނޑީގެ ވަސްޖެހޭ ހިސާބަށްވެސް ނާދެވުނީސް، އަދިކިޔެއް، ރައީސް މުއިއްޒަށް މާލެސަރަހައްދުގައި ދިރިއުޅޭ ރައްޔިތެއްގެ ވޯޓެއްވެސް ނުލިބުނީސް،" އިމްރާން ވިދާޅުވެފައިވެއެވެ.

އިމްރާން މިހެން ވިދާޅުވެފައިވާއިރު ފަލާޙް މިއަދު ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތިތަކާއި ގުޅިގެން އިއްޔެ މަޖިލީހުގައި ފާޅު ކުރެއްވީ އަމިއްލަ ޚިޔާލެއް ކަމަށާއި، ސަރުކާރުގެ ސްޓޭންޑަކީ އަދި ޕީއެންސީގެ ޕީޖީ ލީޑަރުގެ ސްޓޭންޑަކީ އެ ގޯތިތައް މާލޭ ރައްޔިތުންނަށް ޙަވާލުކުރުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު