އެމްޑީޕީން ރޭ ބޭއްވި އެއްވުމުގެ ތެރެއިން-
އެމްޑީޕީން ރޭ ބޭއްވި އެއްވުމުގެ ތެރެއިން-
އިދިކޮޅު އެމްޑީޕީން ބޯހިޔަވާހިކަމާ ގުޅޭ ހަ ޑިމާންޑެއް ސަރުކާރަށް ހުށަހަޅައިފިއެވެ.

އެމްޑީޕީން މި ޑިމާންޑުތައް ކޮށްފައިވަނީ، ފާއިތުވި އެމްޑީޕީ ސަރުކާރުން މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިމާރާތްކުރަންފެށި ފްލެޓުތަކާއި ގޯތިތައް އޭގެ ހައްގުވެރިންނާ ހަވާލުކުރުމުގެ ބަދަލުގައި، އެކަންކަމުން ސިޔާސީ މަންފާ ނަގައި، މުޅިން ވެސް އޮޅުވާލުމާއި މަކަރާއި ހީލަތް މިސަރުކާރުން ހަދަމުންދާ ކަމަށް ބުނެ "ކޮބާ ކޮބާ މަގޭ ގޯތި، ކޮބާ ކޮބާ މަގޭ ފްލެޓު"ގެ ނަމުގައި ރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިންނެވެ.

މި އެއްވުމުގައި ބޯހިޔާވަހިކަމުގެ އެކި މައްސަލަތަކާ ގުޅުން ހުރި ހަ ޑިމާންޑެއް ހުށަހެޅިއިރު، އެ ޑިމާންޑުތަކަށް އަމަލު ކުރުމަށް މިމަހު 17ގެ 20:30އާ ހަމައަށް އެމްޑީޕީން ވަނީ ސަރުކާރަށް މުހުލަތު ދީފައެވެ.

އެ ޕާޓީން ހުށަހެޅި ޑިމާންޑުތަކުގެ ތެރޭގައި ހުޅުމާލެ ތިން ފިޔަވައްސާއި ގިރާވަރު ފަޅާއި ގުޅީފަޅާއި އުތުރުތިލަފަޅުގެ ބިން ހިއްކުމަށް ފަހުގައި ނޫނީ ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް ނުގެންދިޔުމާއި، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބޭނެ ކަމަށް އެމްޑީޕީ ސަރުކާރުގައި ކަނޑައަޅައި، އެއްބަސްވުން ހެދި މީހުންނަށް ލިސްޓުގައިވާ ގޮތަށް ފުލެޓު ދިނުމަށާއި ބާކީ ތިބި 9،763 މީހުންނަށް ފުލެޓު ދިނުމަށް އިންޑިއާގެ އެލްއޯސީއިން ފައިނޭންސް ހަމަޖައްސައި، ކުރިން ހަވާލުކޮށްފައިވާ 7،000 ފުލެޓްތަކުގެ މަސައްކަތް ފެށުން ހިމެނެއެވެ.

އަދި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކުރި 4،000 ފުލެޓު ދިނުމަށް ހަދާ ކުލީގެ އެއްބަސްވުން ގަނެވިއްކާ އެއްބަސްވުމަކަށް ބަދަލުކޮށްދިނުމަށާއި، ކުރީ ސަރުކާރުން ކަނޑައަޅާފައިވާ މިންވަރަށް ވުރެ 4،000 ފުލެޓުގެ ކުލި ބޮޑު ނުކުރުމަށާއި ޑައުންޕޭމަންޓު ކަނޑާލުމަށާއި، ހުޅުމާލޭ ފޭސް ތިނަކާއި ގިރާވަޅު ފަޅާއި ގުޅީފަޅާއި އުތުރުތިލަފަޅުގެ ބާކީ ހުރި ބިންތައް ހިއްކުމުގެ މަސައްކަތް ފެށުމަށާއި ހިއްކާ ނިމިފައި ހުރި ގޯތިތައް ވެރިފަރާތާ ހަވާލުކޮށް، އެތަންތަނުގައި ދިރިއުޅެން ބޭނުންވާ އަސާސީ ޚިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ފެށުމަށް އެ ޕާޓީން ވަނީ ޑިމާންޑު ކޮށްފައެވެ.

މީގެ އިތުރުން ގެދޮރުވެރިޔާއާއި ބިންވެރިޔާގެ ދެވަނަ ސްކީމްގައި ގޯއްޗާއި ފްލެޓަށް ކުރިމަތިލާފައިވާ 40،594 އާއިލާއެއްގެ ފޯމުތައް އިވެލުވޭޓް ކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ފެށުމަށްވެސް އެމްޑީޕީން ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު