ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު ޢަބްދުއްލަތީފު
ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު ޢަބްދުއްލަތީފު
މި ސަރުކާރުން ބޯހިޔާވަހިކަމަށް ވަމުންދާ އިހުމާލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު ޢަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.

ޔާސިރު މިހެން ވިދާޅުވެފައިވަނީ ފާއިތުވި އެމްޑީޕީ ސަރުކާރުން މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިމާރާތްކުރަންފެށި ފްލެޓުތަކާއި ގޯތިތައް އޭގެ ހައްގުވެރިންނާ ހަވާލުކުރުމުގެ ބަދަލުގައި، އެކަންކަމުން ސިޔާސީ މަންފާ ނަގައި، މުޅިން ވެސް އޮޅުވާލުމާއި މަކަރާއި ހީލަތް މިސަރުކާރުން ހަދަމުން އަންނަކަމަށް ބުނެ "ކޮބާ ކޮބާ މަގޭ ގޯތި، ކޮބާ ކޮބާ މަގޭ ފްލެޓު" މި ނަމުގައި އެމްޑީޕީން ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ވާހަކަ ދައްކަވަމުންނެވެ.

މި އެއްވުމުގައި ވާހަކަދައްކަވަމުން ޔާސިރު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންގެ ބޯހިޔާވަހިކަމަށް ވަމުންދާ އިހުމާލާއި ހިންގަމުން އަންނަ ކޮރަޕްޝަނަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ކުރިއަށްއޮތް ތަނުގައިވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

ރޭގެ އެއްވުމުގައި އެމްޑީޕީން ވަނީ ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅުންހުރި 6 ޑިމާންޑެއް ސަރުކާރަށް ހުށަހަޅާފައެވެ. ޔާސިރު ވިދާޅުވީ މި މަހުގެ 17 ވަނަ ދުވަހާއި ހަމައަށް މި ސަރުކާރުން އެކަށީގެންވާ ގޮތަކަށް މިކަންކަން ހައްލުކުރުމަށް މަސައްކަތް ނުކޮށްފިނަމަ ދެން ތިބޭނީ މަގުމަތީގައި ކަމަށެވެ.

ބޯހިޔާވަހިކަމަކީ މާލެ ސަރަހައްދަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށްވާއިރު، ގިނަ ބަޔަކު މި ސަރަހައްދުގައި ދިރިއުޅެނީ ކުއްޔަށެވެ. އެކަމަށް ވެސް ބޮޑު ހޭދައެއް ކުރަން ޖެހޭއިރު، ޖަމިއްޔާތަކާއި އިދިކޮޅު ފަރާތްތަކުން އަންނަނީ ގޯއްޗާއި ފުލެޓުތައް ލަސްނުކޮށް އޭގެ ހައްގުވެރި ފަރާތްތަކާ ހަވާލުކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު