އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު
ސަރުކާރުން ބޭނުންނަމަ ދިރާގާއި އުރީދޫގެ ޚިދުމަތްތަކުގެ އަގުވެސް ކުޑަކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބުރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ އިންޓަނެޓާއި، ފޯނުގެ އަގުތައް ބޮޑުވެ، އުރީދޫ އާއި ދިރާގުގެ ފައިދާ އެތައް ތަނަކުން އިތުރުވެފައިވާތީ އެކަމާމެދު ސަރުކާރުގެ ސިޔާސަތު އޮތްގޮތެއް ސާފު ކުރެއްވުމަށް މީސްމީޑިޔާ މެދުވެރި ކުރަށްވައި ޙިއްސާކުރެއްވި މަޖާޒީ ޕޯސްޓެއްގައެވެ.

އެގޮތުން މޫސަ ވިދާޅުވީ، މިރާއްޖޭގައި ޚިދުމަތް ދިނުމުގެ އަގު ކޮންޓްރޯލް ކުރަނީ ޢާއްމު ރައްޔިތު މީހާ ދުއްވާ ޓެކްސީން އެކަނި ކަމަށާއި، ޤަވާއިދު ހަދައިގެން ބޮޑެތި ކުންފުނިތަކަށް އެއުސޫލު ނުހިންގޭ ކަމަށެވެ. ނަމަވެސް އެއްވެސް ޤާނޫނަކުން އަދި ޤަވާއިދަކުން އަގު ކޮންޓްރޯލް ނުކުރުމަކީ ވިޔަފާރި ކުރާ ކުންފުނީގެ މައްސަލައެއް ނޫންކަމަށްވެސް މޫސަ ވިދާޅުވިއެވެ.

ހަމައެއާއެކު ދިރާގުގެ އަގުތައް ބޮޑުވެގެން އިތުރު ބަޔަކަށް ފޯނާއި އިންޓަނެޓްގެ ޚިދުމަތް ދޭން ހުއްދަ ދިނީ ވާދަވެރި މާކެޓެއްގައި އަގުތައް ތިރިވެ ޢާއްމު ވިޔަފާރިތަކަށް ހެޔޮއަގުގައި މުވާސަލާތީ ޚިދުމަތް ދިނުމުގެ މަޤްސަދުގައި ކަމަށް މޫސަ ވިދާޅުވިއެވެ.

"ރައްޔިތުމީހާ ކުރާ ފޯންކޯލަށް ސަރުކާރަށް ޓެކްސް ދައްކާފަ ދެ ކުންފުންޏަށްވެސް އަހަރަކު ބިލިއަނުން ފައިދާވާކަމަށް ޚަބަރުތައް ބުނެއެވެ،" މޫސަ ވިދާޅުވިއެވެ.



މޫސަ މިހެން ވިދާޅުވެފައިވާއިރު، ރައީސް ޞާލިޙްގެ ސަރުކާރުގައި، އިންޓަނެޓު އަގު ހެޔޮ ކުރުމުގެ މަސައްކަތުގެ ދަށުން ސަރުކާރުން އިންވެސްޓުކޮށްގެން "އިންޑިއާ އޭޝިއާ އެކްސްޕްރެސް" (އައިއޭއެކްސް) ސަބްމެރިން ކޭބަލް ރާއްޖެއަށް ގުޅާލާފައިވެއެވެ. އަދި އައު ކޭބަލާ އެކީ ދިރާގާއި އުރީދޫ ފަދަ ތަންތަނުން ބޭރުގެ ސާވިސް ޕްރޮވައިޑަރުން އަތުން އިންޓަނެޓު ގަންނަން ކުރާ ހޭދަ 50 ޕަސެންޓު ހެޔޮ ކުރެވޭނެ ކަމަށް އޭރު ސަރުކާރުން ބުނެފައިވެއެވެ.

އޭގެއިތުރުން ކުރީ ސަރުކާރުގައި، ސްޕޭސް އެކްސްގެ ސްޓާލިންކުން ފޯރުކޮށްދޭ ސެޓެލައިޓް އިންޓަނެޓްގެ ޚިދުމަތްވެސް ރާއްޖެއަށް ގެނައިކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު