ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު
ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު
ދައުލަތުގެ ބޮޑެތި މަޝްރޫޢުތައް ބިޑަކާނުލާ، ވަކި ފަރާތްތަކަކާ ޙަވާލުކުރުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއްކަމަށް، ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ޒަރިޔަންދު ވިދާޅުވީ، ބިޑަކާނުލާ މަޝްރޫޢުތައް ހަވާލުކުރުންފަދަ އަމަލުތަކުގެ ސަބަބުން ދައުލަތަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބި، ވަކި ފަރާތްތަކަށް ނާޖާއިޒު ފައިދާތައް ލިބިގެންދިއުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ޢަމަލުތައް ކަމަށެވެ.

އެގޮތުން ޒަރިޔަންދު ވިދާޅުވީ، ދައުލަތުން ހިންގަން ބޭނުންވާ މަޝްރޫޢުއެއްގެ އެންމެ ހެޔޮ އަގާއި، އެމަސައްކަތެއް ކުރުމުގެ ތަޖުރިބާ އާއި ޤާބިލުކަން ހުރި ފަރާތްތައް ދެނެނުގަނެ، އެ މަސައްކަތަކަށް އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގުތަކެއްގައި، ކެބިނެޓުން ބޭނުންވާ ފަރާތްތަކަކަށް ބަހާލުމަކީ، ދައުލަތަށް މާލީގޮތުން ގެއްލުމެއް ދިނުމާއި، ވަކިފަރާތްތަކަށް ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ނިޔަތުގައި މި ސަރުކާރުގެ ކެބިނެޓުން ނިންމާފައިވާ ކޮރަޕްޝަންގެ އަމަލެއް ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށެވެ.

މި މައްސަލަ އޭސީސީ (އެންޓި ކޮރަޕްޝަން ކޮމިޝަން) އިން ބަލަން ނުކެރުނަސް، ޒަރިޔަންދު ވަނީ ބައެއް ސަބަބުތައް ހުރުމުން ކުރިޔަށް އޮތް މުސްތަޤްބަލުގައި އެ މަސައްކަތްތައް ކޮންޓްރެކްޓާއި އެއްގޮތަށް ކުރިޔަށް ނުގޮސް، ދައުލަތަށް ގެއްލުންވެއްޖެނަމަ، މާލީ ބަދަލު ހޯދުމާއި އަދި ކޮރަޕްޝަންގެ ތުހުމަތުގެ ތަޙްޤީޤު މިހާރުގެ ކެބިނެޓްގައި ހިމެނޭ ކޮންމެ ވަޒީރެއްގެ މައްޗަށް ވަކިވަކިން ހިންގަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

އޭނާ ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

އުސޫލުތަކާ ޚިލާފަށް މަޝްރޫޢު ހަވާލުކުރުން: ޒަރިޔަންދު ވިދާޅުވީ، 6 ނޮވެމްބަރު 2025 ގައި ހަވާލުކުރެވުނު މަޝްރޫޢުތައް ހަވާލުކުރި ކުންފުނިތަކުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގޮތުގައި ދަރަޖަކުރެވިފައިވާ ކުންފުނިތައް ހިމެނޭ ކަމަށެވެ. މި ކުންފުނިތަކަކީ އަހަރަކު 3 މިލިޔަން ރުފިޔާއަށްވުރެ އަހަރީ ފައިދާ ދަށް ކުންފުނިތައްކަން ކަމާބެހޭ ޤާނޫނުން އެނގޭއިރު، އެ ފަރާތްތަކުގައި 150 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓެއް ހިންގުމުގެ މާލީ އަދި ފަންނީ ޤާބިލުކަން ނުހުންނާނެކަން އެނގިތިބެ އެ މަޝްރޫޢުތައް ހަވާލު ކުރުމަކީ ކަންބޮޑުވުމެއްކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ހަރަކާތްތެރި ނޫން ކުންފުނިތަކަށް މަޝްރޫޢު ދިނުން: މަޝްރޫޢުތައް ހަވާލުކުރެވުނު ކުންފުނިތަކުގެ ތެރޭގައި ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ކުންފުނި އުވާލުމަށް ނިންމާ އެކަމުގެ ޤާނޫނީ މަރުޙަލާގައި އޮތް "ހަރަކާތްތެރި ނޫން" ކުންފުނިތައް ހުރުންވެސް އޭނާ ފާހަގަކުރެއްވިއެވެ. މިފަދަ ކުންފުނިތަކަށް ބޮޑެތި މަޝްރޫޢުތައް ދިނުމުން މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނުނިމި، ދައުލަތަށް ގެއްލުންތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

ތަޖުރިބާނެތް ފަރާތްތަކަށް މަސައްކަތް ދިނުން: ހަމައެއާއެކު ޒަރިޔަންދު ވިދާޅުވީ، މަޝްރޫޢުތައް ހަވާލުކުރި ކުންފުނިތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ހައުސިންގެ ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީގައި ހިމެނިފައިނެތް، އަދި އެފަދަ މަސައްކަތެއް ކުރިކަމުގެ އެއްވެސް ހެއްކެއް ނެތް ކުންފުނިތައްވެސް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ.

އެއް ފަރާތްތަކުގެ ހިއްސާ ހިމެނޭ ކުންފުނިތައް: އަދި ހަމައެހެންމެ، މަޝްރޫޢުތައް ހަވާލުކުރެވުނު ތަފާތު ކުންފުނިތަކެއްގައި އެއް ފަރާތްތަކެއްގެ ހިއްސާ ހުރުމަކީވެސް ކަންބޮޑުވުމެއް ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

އޭގެ އިތުރުން ޒަރިޔަންދު ވަނީ ޑިސެމްބަރ 2023 އިން ފެށިގެން އޮކްޓޯބަރ 2025ގެ ނިޔަލަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެނައި 4 އިސްލާޙަށްވެސް އަލިއަޅުވާލައްވާފައެވެ. އޭނާ ވިދާޅުވީ، މި އިސްލާޙުތައް ގެނެސްފައިވަނީ ގަވާއިދުގެ 10.22 މާއްދާގެ ދަށުން "ބިޑަކާއި ނުލާ ކެބިނެޓުން ބޭނުންވާ ފަރާތަކަށް ދައުލަތުގެ މަޝްރޫޢުތައް ހަވާލުކުރެވޭ ގޮތަށް" ކަމަށްވުމާއި، މި އިސްލާޙުތަކުގެ ތެރޭގައި ދައުލަތުގެ އެތައް މިލިޔަން ރުފިޔާގެ މަޝްރޫޢުތައް ހިންގުމަށް ހަވާލުކުރެވޭ ފަރާތްތަކުގައި އެ މަސައްކަތެއް ކުރުމުގެ ޤާބިލުކަމާއި ތަޖުރިބާ ހުރިކަން ދެނެގަނެވޭނޭ އުސޫލެއް ކަނޑައެޅިފައި ނެތުމާއި، މި ފަދަ މަޝްރޫޢުއެއް ހިންގުމާއި ހަވާލުވާ ފަރާތްތަކުން އެ މަޝްރޫޢުއެއް ފަށައި ނުނިންމާ ދޫކޮށްލައިފިނަމަ ދައުލަތަށް ލިބޭ ގެއްލުން ފޫބެއްދުމަށް އެ ފަރާތްތަކުން ގެރެންޓީއެއް ނުބަހައްޓަން ލާޒިމުކުރުމާއި، ހަވާލުކުރެވޭ މަޝްރޫޢުއެއްގެ އަގުގެ 15 އިންސައްތައަށް އެޑްވާންސް ފައިސާ އެފަރާތްތަކަށް ދޭންޖެހޭނޭކަމަށް ކަނޑައެޅުމަކީ ކަންބޮޑުވާ ކަންކަން ކަމަށެވެ.

ޒަރިޔަންދުގެ މި ވާހަކަތަކާއެކު، ދައުލަތުގެ މަޝްރޫޢުތައް ހަވާލު ކުރުމުގައި މިސަރުކާރުގެ ކެބިނެޓުން އަލަށް އެކުލަވާލި އުސޫލުތަކާމެދު ސުވާލު އުފެދި އެކަމުގެ ކަންބޮޑުވުން މީސްމީޑިއާގައި ޢާއްމުން ދަނީ ފާޅު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް