ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިސްލާމްދީނުގެ މަތިވެރި ނިޢުމަތުގައި ސާބިތުވެ ތިބުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ "އިސްލާމްދީނުގެ މަތިވެރި ނިޢުމަތް" މި މައުޟޫޢަށެވެ. މި ޚުޠުބާގައި ވަނީ އިސްލާމްދީނަކީ މާތް ﷲ އިންސާނިއްޔަތަށް ދެއްވި އެންމެ މަތިވެރި ނިޢުމަތްކަން ހަނދާންކޮށްދީ، ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށްޓަކައި އެ ދީނުގެ މަތިވެރި އުޞޫލުތަކުގައި ސާބިތުވެ ތިބުމަށް އެންމެހައި މުސްލިމުންނަށް ގޮވާލައިފައެވެ.

ޚުޠުބާގައި ފާހަގަކުރި ގޮތުގައި، އިސްލާމްދީނަކީ މާތް ﷲ އަޅަމެންނަށްޓަކައި އިޚުތިޔާރުކުރައްވައި ފުރިހަމަކޮށްދެއްވި ހަމައެކަނި ދީނެވެ. އަދި އިންސާނާގެ ކާމިޔާބީއަށް ބޭނުންވާ އެންމެހައި އިރުޝާދުތަކެއް ފުރިހަމަވެގެންވާ މި ދީނަކީ، ޤިޔާމަތާ ހަމައަށް އިންސާނިއްޔަތުގެ ބާއްޖަވެރިކަމަށް އޮތް ހަމައެކަނި މަގެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ، އިސްލާމްދީން ނޫން ދީނެއް އެދޭ މީހާގެ ކިބައިން އެކަން ޤަބޫލު ނުކުރައްވާނޭ ކަމަށާއި، އާޚިރަތުގައި އޭނާ ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިން ކަމަށެވެ. އެހެންނަމަވެސް، މިއަދު ބައެއް މީހުން ދީނީ ކަންކަމަށް ފަރުވާކުޑަކޮށް، ދީނުގެ އިންތަކުން ބޭރުވެ، ބީރައްޓެހި ސަގާފަތްތަކާއި ނުބައި އަޚުލާޤީ މިންގަނޑުތަކަށް ތަބާވަމުންދާކަން ޚުޠުބާގައި ހިތާމައާއެކު ފާހަގަކުރިއެވެ.

ޙަޤީޤީ މުސްލިމަކީ ކޮންމެފަދަ ޤުރުބާނީއެއް ވާންޖެހުނަސް ޢަޤީދާގައި ސާބިތުވާ މީހެއްކަން ބަޔާންކުރަމުން، އިސްލާމްދީނުގެ ފުރަތަމަ ޖީލުގެ ޞަޙާބީންގެ ޢިބުރަތްތެރި މިސާލުތައް ޚުޠުބާގައި ގެނެސްދިނެވެ. އެގޮތުން، ކީރިތި ރަސޫލާގެ މުއައްޛިން ބިލާލްގެފާނުގެ މޭފުޅުމައްޗަށް ހިލަތައް އަރުވައި، މައްކާގެ ހޫނު ބިމުގައި ދަމައި އަނިޔާކުރި ނަމަވެސް "އަޙަދު، އަޙަދު" އޭ ވިދާޅުވެ ދީނުގައި ސާބިތުވެވަޑައިގެންނެވި ގޮތާއި، ޚައްބާބު ބުން އަރައްތު ރަޟިޔަﷲ ޢަންހުގެ ބުރަކަށިފުޅު އަނދައިގެންދިޔަ ހިނދުވެސް ދެއްކެވި ސާބިތުކަން ހަނދާންކޮށްދިނެވެ. އަދި ދީން ޙިމާޔަތްކުރުމަށްޓަކައި ޞަޙާބީން މުދަލާއި ގެދޮރު ދޫކުރައްވައި ހިޖުރަކުރައްވައި، ހަނގުރާމައިގެ މައިދާންތަކުގައި ޝަހީދުވެވަޑައިގަތީ އުފަލާއެކުގައި ކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، މުސްލިމުންނަށް ޢިއްޒަތާއި މަތިވެރިކަން ލިބެނީ އިސްލާމްދީނުގައި ހިފެހެއްޓި މިންވަރަކުންކަން ފާހަގަކޮށް، ޚަލީފާ ޢުމަރުގެފާނުގެ މަޝްހޫރު ބަސްފުޅު ޚުޠުބާގައި ޛިކުރުކުރިއެވެ. އެކަލޭގެފާނު ވިދާޅުވެފައިވަނީ، އިސްލާމްދީން ފިޔަވައި އެހެން ގޮތަކުން ޢިއްޒަތް ހޯދަން އުޅެފިނަމަ މާތް ﷲ އަހަރެމެން ނިކަމެތިކުރައްވާނެ ކަމަށެވެ. އެހެންކަމުން މުސްލިމުން ދީނާ ދުރުހެލިވެއްޖެނަމަ ދުޝްމަނުންގެ ބާރު ގަދަވާނެ ކަމަށާއި، އަލުން އާރާއި ބާރު ލިބޭނީ ޤުރްއާނާއި ސުންނަތަށް ރުޖޫޢަވެގެން ކަމަށް ބަޔާންކުރިއެވެ.

ޚުޠުބާ ނިންމާލަމުން ވަނީ ގޭތެރޭގައްޔާއި، ބާޒާރުތަކުގައްޔާއި، މަޖިލިސްތަކުގައިވެސް އިސްލާމީ ރިވެތި އުޞޫލުތައް ދައްކުވައިދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި އިސްލާމްދީނަކީ ޝިރުކާއި ބިދުޢަތަކުން ސާފުޠާހިރުވެގެންވާ ދީނެއްކަން ހަނދާންކޮށްދީ، ހިތްނިޔަތް ﷲއަށް ޚާލިޞްކޮށް، ފަރުޟު ނަމާދުތަކާއި ޒަކާތަށް ރައްކާތެރިވެ، އެއް މުސްލިމަކު އަނެއް މުސްލިމަކަށް ވާގިވެރިވާ އަޚުންތަކެއްގެ ގޮތުގައި ދެމިތިބުމަށް ހުރިހާ މުސްލިމުންނަށް ނަޞޭޙަތްތެރިވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް