އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އިލްޔާސް ޖަމާލު
އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އިލްޔާސް ޖަމާލު
މި ސަރުކާރުން ހިންގާ ބޮޑެތި މުންކަރާތްތަކަށް އިންކާރު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޝައިޚް އިލްޔާސް ޖަމާލް ވިދާޅުވެއްޖެއެވެ.

އިލްޔާސް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބޮޑު ޖަލްސާއެއް ބާއްވަން ވަނީ ތައްޔާރުވެފައެވެ. އެޖަލްސާއާ ގުޅޭގޮތުން ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މި ޖަލްސާއިން ރާއްޖެ އޮތީ ކޮން ފިކުރެއްގައި ކަމާއި ދިވެހިން ތިބީ ކޮން ލީޑަރެއްގެ ފަހަތުގައިކަން ވަރަށް ބޮޑަށް ސާފުވާނެ ކަމަށެވެ.

އަދުރޭގެ ވާހަކަތަކަށް ރައްދު ދެއްވަމުން، މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި އިލްޔާސް ވިދާޅުވީ، މުޅި ޤައުމު އަނިޔާވެރިކަމާއި، ފަސާދައާއި، ދޮގުހެދުމާއި، އޮޅުވާލުމާއި، ބައިތުލްމާލު ލޫޓުވުމާއި، ދީންވިއްކުމުގައި ބައިވެރިވެ ވާގިވެރިވިޔަސް އެއީ ޙައްޤު ކަމަކަށް ނުވާނެ ކަމަށެވެ.

ސަރުކާރުން ހިންގާ ކަންކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން އިލްޔާސް ވިދާޅުވީ، "އަޅުގަނޑުމެން ކިތަންމެ ނިކަމެތިވިޔަސް ކިތަންމެ މަދުވިޔަސް މި އަނިޔާވެރި ސަރުކާރުން ހިންގާ ބޮޑެތި ބޮޑެތި މުންކަރާތްތަކަށް އިންކާރުކުރާނަން." ކަމަށެވެ.

އިލްޔާސް މިހެން ވިދާޅުވެފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ޕީއެންސީގެ ޖަލްސާއަށް އާންމުކޮށް ދައުވަތު ދިނުމުގެ ހަރަކާތެއް ފެށުމަށް އެ ޕާޓީގެ މައި ޖަގަހައިގައި ބޭއްވި ރަސްމިއްޔާތަށް ފަހު، މީޑިއާއާ ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ޖަލްސާއަށް ސަޕޯޓަރުން ދާނީ މިހާތަނަށް ރައީސް ކުރަށްވާފައިވާ މަސައްކަތްޕުޅުތައް ބަލައިގަނެ، އެކަަމަށް ތާއީދު ކުރާތީ ކަމަށެވެ.

އޭގެ އިތުރުން އަދުރޭ ވިދާޅުވީ، ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބާއްވާ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވާނެތީ އެއީ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ އިތުރު މައުލޫމާތު ލިބި ރައްޔިތުންނަށް ޔަގީންކަން އިތުރުވާނެ ކަމެއް ކަމަށެވެ.

ޕީއެންސީން ބޮޑު ޖަލްސާއެއް މި ބާއްވަނީ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް