ރައީސް މުއިއްޒު އާއި މަޖިލީހުގެ ނައިބު ރައީސް ނާޒިމް-
ރައީސް މުއިއްޒު އާއި މަޖިލީހުގެ ނައިބު ރައީސް ނާޒިމް-
ދައުލަތުގެ ރިމޯޓު މިއޮތީ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްގެ އަތްޕުޅުގައި ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ އަދި ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިހެން ވިދާޅުވެފައި މިވަނީ ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލައިގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން ވަކިކުރި މަހްމޫދު ރިޔާޒުގެ މަގާމު މަޖިލީހުގެ 241 ކޮމިޓީގެ ލަފާގެ މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއާދަކޮށްދެއްވުމާ ގުޅިގެންނެވެ.

މަހުމޫދު އެ މަގާމުން ވަކިކުރަން މީގެކުރިން ލަފާ އެރުވީވެސް ހަމަ 241 ކޮމިޓީންނެވެ. އެގޮތުން އޭނާ ވަކިކުރަން ރައީސްއަށް ކޮމިޓީން ލަފާ އެރުވީ ހޯކްސް ކުންފުނީގެ ބޯޓެއްގައި ރާއްޖެ އަށް ގާނޫނާއި ގަވާއިދާ ހިލާފަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލަ އާއި ބޮންޑެޑްވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓަންތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ތަނުން ނެރުނު މައްސަލަ ބެލުމަށްފަހު އޭނާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށެވެ.

މި މައްސަލަ އަލުން ބަލައިދިނުމަށް ކޮމިޓީއަށް ހުށަހެޅުމުން އެ މައްސަލަ އަލުން ބެލުމަށްފަހު، ނިންމީ އެ މައްސަލަތަކުގައި މަހުމޫދުގެ ބައިވެރިވުން ނެތް ކަމަށެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި މަލީހް ވިދާޅުވީ މުޅި ދައުލަތް އޮތީ އޮޅުން ބޮޅުމެއްގައި ކަމަށާއި، ދައުލަތުގެ ރިމޯޓް އޮތީ ޑެޕިއުޓީ ސްޕީކަރ ނާޒިމްގެ އަތްޕުޅުގައި ކަމަށެވެ.

"އޭނާގެ ދެފައި މުޅި އޮޑީގައި. މުއިއްޒުގެ ބޮސްއަކީ ނާޒިމްކަން މިހާރު ހާމަވޭ. ނާޒިމް ބޭނުންވާ މީހާ ވަޒީފާއިން ކަނޑަނީ. އަނބުރާ ދޭން ބުނަނީވެސް ނާޒިމް." މަލީހް ވިދާޅުވިއެވެ.

އަދި މިއީ ބޮޑު ޖޯކެއް ކަމަށް ވިދާޅުވެ މަލީހް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މަލީޙް މިހެން ވިދާޅުވެފައިވާއިރު، މަހުމޫދު ރިޔާޒަކީ ކަސްޓަމްސް އަށް 33 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް