ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް
ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް
ފުވައްމުލައްސިޓީގެ ރައްޔިތުން ސާފު ބޯފެން ލިބުމުގެ އަސާސީ ޙައްޤުން މަޙުރޫމްވެފައިވުމަކީ، ކަމާބެހޭ ފަރާތްތަކުގެ ވަރަށް ބޮޑު އިހުމާލެއް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިކަން ފާހަގަ ކުރައްވާފައިވަނީ، ފުވައްމުލަކުގެ ރައްޔިތުން ފެނުގެ ދަތިކަމާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ފައިސަލް ވިދާޅުވެފައިވަނީ ސާފު ބޯފެން ލިބުމަކީ ދިރިހުރުމަށްޓަކައި ކޮންމެހެން ބޭނުންވާ މުހިއްމު ޙައްޤެއް ކަމަށާއި، މި ޙައްޤު ފުވައްމުލަކު ރައްޔިތުންނަށް ނުލިބުމަކީ ކަންބޮޑުވާންޖެހޭ ބޮޑު އިހުމާލެއް ކަމަށެވެ.

ފައިސަލް ނަސީމް ވަނީ، މިކަމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަވަސް ހައްލެއް ހޯދައިދިނުމަށް ގޮވާލައްވާފައެވެ.



ފައިސަލް މިހެން ވިދާޅުވެފައިވާއިރު ފުވައްމުލަކު ސިޓީ ކައުންސިލުން މި މައްސަލާގައި ބުނެފައިވަނީ، ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ފެނުގެ ޚިދުމަތަށް ދިމާވަމުންދާ އެކިއެކި މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ކަމާގުޅުންހުރި ސަރުކާރުގެ ހުރިހާ މުއައްސަސާތަކަށް ޙިއްސާ ކޮށްފައިވާ ކަމަށެވެ.

އެގޮތުން ފެނުގެ ނިޒާމަށް ދިމާވަމުންދާ މައްސަލަތައް ދެނެގަތުމަށްޓަކައި ފެނަކަ ފުވައްމުލަކު ބްރާންޗާއެކު ބޭއްވި ބައްދަލުވުންތަކުން އެފަރާތުން ފާހަގަކުރައްވާފައިވާ މައްސަލަތައް ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެސް، އެމައްސަލަ ހައްލުކުރެވޭތޯ ކައުންސިލުން ދަނީ ތަކުރާރުކޮށް މަސައްކަތް ކުރަމުން ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

"މީގެ އިތުރަށް، މިސިޓީގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަދަންޖެހޭ ޓެސްޓްތަކާއި، ކުރަންޖެހޭ އެހެނިހެން ކަންތައްތަކާ ގުޅޭގޮތުން އުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި ފެނަކައިގެ އިސްވެރިންނާއެކު މި މަހުގެ 4 ވަނަ ދުވަހު ބައްދަލުވުމެއް ބާއްވާ މިކަމާގުޅޭ މަޝްވަރާ ވާނީ ކުރެވިފައެވެ. އަދި މި ނޮވެމްބަރ 4 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިސިޓީއަށް ކުރެއްވި ދަތުރުފުޅުގައި، ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ވެސް ފެނުގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށް ކައުންސިލުން ވާނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ." ކައުންސިލްގެ ބަޔާނުގައިވެއެވެ.

ކައުންސިލުން ބުނެފައިވަނީ، ފެނަކައިން އެންމެ ފަހުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ފެނުގެ ޚިދުމަތް އަލުން ފޯރުކޮށްދިނުމަށްޓަކައި މަދުވެގެން 02 ދުވަސް ވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން ރައްޔިތުން ބޯން ބޭނުންވާ ފެން ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެހޭތޯ ކައުންސިލުން މަސައްކަތްތަކެއް ކުރަމުންދާކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް