މަލީހް ޖަމާލް-
މަލީހް ޖަމާލް-
ފުވައްމުލަކުގެ ފެނުގެ މައްސަލަ ހައްލު ކުރުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ފެއިލް ވެއްޖެކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ އަދި ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިހެން ވިދާޅުވެފައި މިވަނީ ފުވައްމުލަކުގެ ރައްޔިތުން ފެނުގެ ދަތިކަމާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.

ރޭ ފުވައްމުލަކު ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ފެނުގެ ޚިދުމަތަށް ދިމާވަމުންދާ އެކިއެކި މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ކަމާގުޅުންހުރި ސަރުކާރުގެ ހުރިހާ މުއައްސަސާތަކަށް ޙިއްސާ ކޮށްފައިވާ ކަމަށެވެ. އަދި ފެނަކައިން އެސެސްމެންޓު ހެދުމަށްފަހު ފާހަގަވާ މައްސަލަތައް ސަރުކާރާ ހިއްސާ ކޮށްފައިވާނެ ކަމަށާއި، މައްސަލަ ހައްލު ކުރުމަށް ދެ ދުވަހެއް ވަރު ނަގާނެ ކަމަށް ފެނަކައިން ބުނެފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ. އެހެންވެ، އެ ސިޓީގެ ރައްޔިތުންނަށް ބޭނުންވާ ފެން ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެހޭތޯ ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

މި މައްސަލައަށް އިޝާރާތް ކުރަމުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި މަލީހް ވިދާޅުވީ އިންޖީނުގެތަކާއި ފެންކުންފުނިތަކުގެ ހިންގުން ދޯދިޔާވެ ބޭނުންވާ ސްޕެއަރ ޕާރޓްސް ނުލިބި ލިބޭ ފަހަރު ފޭކް ޕްރޮޑަކްޓް ބޮޑުއަގުގަ ޕާޓީމީހާ މެދުވެރިވެގެން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ގެނައުން މިހާރު ވަނީ އާންމުވެފައި ކަމަށެވެ.

"ފުވައްމުލަކު ފެނުގެ މައްސަލަ ހައްލުކުރުމުގަ މުއިއްޒު ސަރުކާރު ފެއިލްވެއްޖެ،" މަލީހް ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ މިމައްސަލަ ކުރިމަތި ވުމާއެކު ކަނޑާއި ވައިގެ މަގުން ފުވައްމުލައް ސިޓީއަށް ބޯފެން ފޯރުކޮށްދިނުމާއި އަދި ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސިފައިން ފަށާފައި ވާކަމަށެވެ.

އަދި ފުވައްމުލައް ސިޓީގެ ފެން ތަޣައްޔަރުވުމާ ގުޅިގެން ފެނަކައިގެ ފަރާތުން އެމްއެފްޑީއޭއާއި އެޗްޕީއޭގެ އިރުޝާދާއެކު މުޅި ޕައިޕްލައިން ކަނޑައެޅިފައިވާ ސްޓެންޑަޑާ އެއްގޮތްވާ ގޮތުގެ މަތިން ޑިސްއިންފެކްޓްކޮށް، ތާނގީތައް ސާފުކޮށް، ފްލަޝްކޮށް، ފެން އުފެއްދުމުގެ މަސައްކަތް މިހާރު ފަށާަފައި ވާކަމަށާއި، ހައެއްކަ ގަޑިއިރުތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ފުވައްމުލައް ސިޓީއަށް ކުރިއެކޭ އެއްފަދައިން ފެންދޫކުރަންފަށާނެ ކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް