އަހުމަދު ޔާމިން   11 ނޮވެމްބަރު 2025 - 16:43
ރާއްޖޭގެ ޖުމްހޫރީ ޙަޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ފުރުއްވި ރައީސުން
ރާއްޖޭގެ ޖުމްހޫރީ ޙަޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ފުރުއްވި ރައީސުން
ދިވެހިރާއްޖޭގެ ދުވަސްވީ ވެރިކަމުގެ ނިޒާމަކީ ސުލްޠާނުންގެ ދިގު ރަސްކަމަކަށް ފަހު، ޖުމްހޫރީ ވެރިކަމަށް ބަދަލުވެފައިވާ ނިޒާމެކެވެ. ޖުމްހޫރިއްޔަތަކަށް ބަދަލުވުމާ ގުޅިގެން ދިވެހިންގެ ތަރައްޤީއާއި ކުރިއެރުމަށާއި ސިޔާސީ ނިޒާމަށް އައި ބަދަލަކީ، ޤައުމުގެ މިސްރާބު އައު ދިމާލަކަށް ބަދަލުކޮށްލި މުހިންމު ނިންމުމެކެވެ. މި މަޒުމޫނުގައި އަލިއަޅުވާލާނީ ދިވެހިރާއްޖޭގެ ޖުމްހޫރީ ނިޒާމުގެ މުހިންމު ތާރީޚުތަކަށާއި، އުސްއަލިތަކަށާއި، މިހާރުގެ ޙާލަތަށެވެ.

ފުރަތަމަ ޖުމްހޫރިއްޔާގެ ފެށުމާއި، ނިމުން:

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އުފެދިގެން އައީ ސިޔާސީ ހޭލުންތެރިކަމުގެ ތެރެއިން، ރައްޔިތުންނަށް އިތުރު ބާރެއް ލިބިގެންދާނެ ވެރިކަމެއް ޤާއިމުކުރުމުގެ އެދުމާއެކުއެވެ. 1953 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު ދިވެހިރާއްޖޭގައި ރަސްކަމުގެ ނިޒާމު ނިމުމަކަށް ގެނެސް، ފުރަތަމަ ޖުމްހޫރިއްޔާ އިޢުލާނު ކުރެވުނެވެ. މި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮއްވެވީ އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. ރައީސް މުޙައްމަދު އަމީން ދީދީއާއެކު، ނައިބު ރައީސަކަށް ހުންނެވީ އަލްފާޟިލް އިބްރާހިމް ފާމުލަދޭރި ކިލެގެފާނު (އިބްރާހިމް ދީދީ) އެވެ.

ރައީސް މުޙައްމަދު އަމީން ދީދީގެ ވެރިކަމުގައި ރައްޔިތުންގެ މެދުގައި ދީނީ އަދި އިޖްތިމާޢީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ދެޖިންސްގެ ހަމަހަމަ ކަމަށާއި، ތަޢުލީމާއި ޞިއްޙަތު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. ނަމަވެސް، ފުރަތަމަ ޖުމްހޫރިއްޔާގެ ވެރިކަމުގެ ތާރީޚް ވަރަށް ކުރެވެ. ސިޔާސީ ހަލަބޮލިކަމާއި ރައްޔިތުންގެ ނުރުހުން އިތުރުވެ، ވެރިކަން ހިންގުމަށް ދަތިތަކެއް ކުރިމަތިވިއެވެ. ނަތީޖާއެއްގެ ގޮތުން 1953 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ފުރަތަމަ ޖުމްހޫރިއްޔާ ނިމުމަކަށް އައިސް، ދިވެހިރާއްޖޭގައި އަނެއްކާވެސް ރަސްކަމުގެ ނިޒާމު ޤާއިމުވިއެވެ. އެއަށްފަހު ރަސްކަން ކުރެއްވީ އަލްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ފެށުމާއި މިއަދުގެ ޙާލަތު

ރަސްކަމުގެ ނިޒާމުގެ ދަށުން ދިވެހިރާއްޖެ އިނގިރޭސިވިލާތުގެ ހިމާޔަތުން މިނިވަންވުމަށް ފަހު، ޖުމްހޫރީ ވެރިކަމަށް އެނބުރި ދިއުމަށް ރައްޔިތުންގެ ތެރެއިން އެދުންތަކެއް އައެވެ. މިގޮތުން، 1968 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ދިވެހިރާއްޖޭގައި ދެވަނަ ޖުމްހޫރިއްޔާ އިޢުލާނުކުރެވުނެވެ. މި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮއްވެވީ އަލްފާޟިލް އިބްރާހިމް ނާޞިރެވެ. އެމަނިކުފާނުގެ ވެރިކަމުގައި ޤައުމު ތަރައްޤީގެ އާ އުސްމިންތަކަކަށް ގެންދެވިއެވެ.

ދެވަނަ ޖުމްހޫރިއްޔާގައި ވެރިކަން ކުރެއްވި ބޭފުޅުންނަކީ: އަލްފާޟިލް އިބްރާހިމް ނާޞިރު (1968-1978)، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް (1978-2008)، އަލްފާޟިލް މުޙައްމަދު ނަޝީދު (2008-2012)، ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު (2012-2013)، އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް (2013-2018)، އަލްފާޟިލް އިބްރާހިމް މުޙައްމަދު ޞާލިޙް (2018-2023) އަދި ޑރ. މުޙައްމަދު މުޢިއްޒު (2023 - މިހާރުގެ ރައީސް) އެވެ.

މިއަދު ދެވަނަ ޖުމްހޫރިއްޔާގެ ދަށުގައި ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުގައިވެސް ގިނަގުނަ ކާމިޔާބީތަކެއް ހޯދާފައިވާ ޤައުމެކެވެ. އިޤްތިޞާދީ ގޮތުން ފަތުރުވެރިކަމަށް ބަރޯސާވެފައިވީ ނަމަވެސް، އެހެނިހެން ދާއިރާތައް ތަރައްޤީ ކުރުމަށް މަސައްކަތް ކުރެވެމުންދެއެވެ. ތަޢުލީމީ އަދި ޞިއްޙީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވެއެވެ. އަދި، ރަށްތަކުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ހިންގަމުންދެއެވެ. ޒަމާނީ ފަސޭހަތަކާއި ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދެއެވެ.

ސިޔާސީ ގޮތުން ރައްޔިތުން ބާރުވެރި ކުރުވުމަށް ސިޔާސީ ޕާޓީތައް އުފައްދައި ޕާޓީތަކުގެ ފަރާތުން ރައްޔިތުންނަށް ވެރިކަން ކޮށްދިނުން 2008 ވަނަ އަހަރު ވުޖޫޖުވި ފެހި ޤާނޫނު އަސާސީގެ ދަށުން ލިބިގެން ދިޔައެވެ. މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު އަސާސީ ރައްޔިތުންގެ ޚާއްޞަ މަޖިލިހުން ފާސްކޮށްފައިވަނީ 26 ޖޫން 2008 ގައެވެ. ޤާނޫނު އަސާސީ އެކުލަވާލި މަޖިލީހުގެ ރައީސަކީ އަލްފާޟިލް ޤާސިމް އިބްރާހީމެވެ. އަދި ޤާނޫނު އަސާސީ ތަސްދީޤު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާފައިވަނީ 30 ޖޫން 2008 ގައެވެ. މި ޤާނޫނު އަސާސީ ތަސްދީޤު ކުރެއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް 2008 ވަނަ އަހަރުގެ އޮގަސްޓަ މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 10:32 ގައެވެ. މިއީ ރާއްޖޭގެ ތާރީޚްގައި އެކުލަވާލެވުނު 7 ވަނަ ޤާނޫނު އަސާސީއެވެ. މި ޤާނޫނު އަސާސީގެ ދަށުން ވެރިކަމަށް އިންތިޚާބުވީ ފުރަތަމަ ރައީސަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދެވެ.

މި ހުރިހާ ކުރިއެރުންތަކާއެކުވެސް ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދުނިޔޭގެ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުރަމުން ދިއުމެވެ. އަދި ފަތުރުވެރިކަމަށް އިޤްތިޞާދު ބިނާކޮށްފައިވާ ރާއްޖެފަދަ ޤައުމަކަށް ތިމާވެށި ރައްކާތެރި ކުރުމާއެކު، ސާދާ ތަރައްޤީއަށް މަސައްކަތް ކުރުމަކީ އަދު ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް ޖުމްހޫރީ ވެރިކަމުގެ ހަރުފަތްތައް ގިރާކޮށް، ދިވެހިރާއްޖެއަށް ޒަމާނީ ދައުލަތެއްގެ ގޮތުގައި ކުރިއެރުމަށް މަގުފަހިކޮށްދިނީ ދިވެހިންގެ އެކުވެރިކަމާއި ވެރިންނަށް ކިޔަމަންގަތުމުގެ މަތިވެރި އަޚްލާޤެވެ.

ނިންމުން

ދިވެހިންގެ ޖުމްހޫރީ ތާރީޚަކީ ފިލާވަޅުތަކުން ފުރިފައިވާ އަދި ފަޚުރުވެރި މުސްތަޤްބަލަކަށް މަގުފަހިކޮށްދީފައިވާ ތާރީޚެކެވެ. އެއް ޖުމްހޫރިއްޔާ ނިމި އަނެއް ޖުމްހޫރިއްޔާއެއް ފެށިގެން އައީ ރައްޔިތުންގެ ބާރާއި އިޚްތިޔާރުގެ މައްޗަށެވެ. މިއަދު ދިވެހިރާއްޖެ ޖުމްހޫރީ ނިޒާމުގެ ދަށުން، 57 އަހަރު ގުނަމުންދާއިރު، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް އަދި ރައްޔިތުންގެ ފާގަތިކަން އިތުރުކުރުމަށް ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރެވެމުންދެއެވެ. މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެންމެ މުހިންމީ، ދިވެހި ދަރިންގެ އެއްބައިވަންތަކަމާއި ޤައުމީ ރޫޙު ދެމެހެއްޓުމެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް