ޑރ. ޖަމީލާއި ރައީސް ޑރ. މުޢިއްޒު
ޑރ. ޖަމީލާއި ރައީސް ޑރ. މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސިޔާސީ ޙުއްޖަތްތައް ހުސްވެފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ ޕީއެންސީން ރޭ ބޭއްވި ބޮޑު ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރަށްވައި މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. އެގޮތުން ޑރ. ޖަމީލް ވަނީ ޕީއެންސީގެ މެމްބަރުންނަށްވެސް އެނގޭނެ ކަމަށް ވިދާޅުވެ، ރައީސް މުއިއްޒު ރޭވެސް ތަކުރާރު ކުރެއްވީ ދޮގުތައްކަމަށް ވިދާޅުވެފައެވެ.

"ޙުއްޖަތްތައް ހުސްވެ މުއިއްޒު ރިޕީޓްކުރީ މަޖްލިސް އިންތިޚާބުގެ ޓޭޕް. ކޮން ތަރައްގީއެއް މަޖްލިސް ދިނުމުން ލިބުނީ؟" ޑރ. ޖަމީލް ސުވާލު އުފެއްދެވިއެވެ.

ހަމައެއާއެކު ރައީސް މުއިއްޒުގެ ސަރުކާރަށް ނިސްބަތް ކުރަށްވައި ޑރ. ޖަމީލް ވަނީ ސަރުކާރުން މިނިވަން މުއައްސަސާތަކުގެ ބާރުތައް ދަށުކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

"ދަމައިގަތީ މިޑިއާގެ މިނިވަންކަން. ދަމައިގަތީ ސުޕްރީމް ކޯޓް. ދަމައިގަތީ މަޖްލީހުގެ ބާރު. ދަމައިގަތީ ދައުލަތުގެ ބަޖެޓް." ޑރ. ޖަމީލް ވިދާޅުވިއެވެ. ޑރ. ޖަމީލް ވިދާޅުވީ، މިވަރުން ފުދިއްޖެ ކަމަށާއި، ރައީސް މުއިއްޒަށް ނޫނެކޭ ބުނުން ވާޖިބު ކަމަށެވެ.



ޑރ. ޖަމީލް މިހެން ވިދާޅުވެފައިވާއިރު، ރޭގެ ބޮޑު ޖަލްސާގައި ރައީސް ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ވަނީ ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކާއި ހާސިލު ކުރެވުނު ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

އޭގެއިތުރުން ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ފަސޭހައިން ތަންފީޒު ކުރުމަށްޓަކައި ކައުންސިލްތަކުން ސަރުކާރަށް އެއްބާރުލުން ބޭނުންވާކަން ފާހަގަ ކުރަށްވައި، ސަރުކާރު ހިންގާ ޕީއެންސީއަށް ކައުންސިލްތަކުގެ ސުޕަރ މެޖޯރިޓީއެއް ހޯދުމުގެ މުހިންމުކަމުގެ މައްޗަށް ރައީސް ވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް