މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިވި ނަމަވެސް ނުވަތަ ވަކި ކުރި ނަމަވެސް އާންމު ވޯޓަކަށް ނުގޮސް މެމްބަރުންގެ ގޮނޑި ނުގެއްލޭ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެންނަން ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީ އަށް ބަދަލު ގެނައުމުގެ ބިލު ހުށަހެޅީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ.

މި އިސްލާހު ހުށަހެޅުމުގެ ސަބަބެއް ކަމަށް ބުނެފައިވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީގެ މެމްބަރު ކަމުން އެ މެމްބަރަކު ވަކި ކުރާ ހާލަތު ގައި އެ މީހަކު ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަމުން ވަކި ކުރުމުގެ އިޖުރާއަތުތައް ގާނޫނު އަސާސީ ގައި ކަނޑައެޅުމަށް ކަމުގައެވެ.

އެގޮތުން ގާނޫނު އަސާސީގެ 73 ވަނަ މާއްދާ އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީގެ މެމްބަރު ކަމުން ގާނޫނު ގައި ބަޔާން ކުރާ ގޮތުގެ މަތިން ވަކިކުރާ ހާލަތުގައި، އެ މީހަކު މަޖިލީހުގެ މެމްބަރު ކަމުން ވަކިވާނީ އިންތިޚާބުވި ދާއިރާގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ގާނޫނުގައި ބަޔާން ކުރާ ގޮތުގެ މަތިން ނަގާ އާންމު ވޯޓެއްގައި އެމީހަކު ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަމުން ވަކި ކުރުމަށް ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ ކަމަށެވެ.

އަދި ވަކި ކުރުމަށް އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގައި ދެމި ހުންނާނީ ވަކި ސިޔާސީ ޕާޓީ އަކަށް ނިސްބަތް ނުވާ މެމްބަރެއްގެ ގޮތުގައި ކަމަށް ވެސް އިސްލާހުގައި ވެއެވެ.

ހަމަ އެއާއެކު އެމީހަކު އިންތިޚާބުވި ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވެއްޖެނަމަ މަޖިލީހުގެ މެމްބަރު ކަމުން ވަކިވާނެ ކަމަށް ވެސް ހުށަހެޅުމުގައި ވެއެވެ.

މި އިސްލާހު މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް