ގދ. މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް
ގދ. މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް
ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ގދ. މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން މަޑަވެއްޔަށް އެއްވެސް ކަމެއް ނުކޮށްދޭ ކަމަށް ވިދާޅުވެ، ސަރުކާރަށް ސަނާކިޔާ އަތް ޖެހެން ނެތް ކަމަށް ވިދާޅުވެއްޖެއެވެ.

ޝަމީޒް މިހެން ވިދާޅުވެފައިވަނީ މަޖިލީހުގައި މިހާރު ކުރިއަށްދާ 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައެވެ. މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން މެންބަރު ޝަމީޒް ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރުގެ ބަޖެޓު ބަހުސްގައި ވެސް އޭނާގެ ދާއިރާގެ ތިން ރަށުގެ ހާލަތު ބަޔާންކޮށްދެއްވާފައިވާނެ ކަމަށާއި، ނަމަވެސް ދާއިރާގެ ތަރައްޤީ ހުއްޓި، އެއްވެސް ވަރަކަށް ކަމެއް ކުރެވިފައި ނުވާ ކަމަށެވެ. އަދި މި ސަރުކާރުން ވެސް މަޑަވެއްޔަށް ކަމެއް ކުރެވިފައި ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

މަޑަވެލީގެ ބިން ހިއްކުމާއި، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ގެދޮރު ދިނުންފަދަ ކަންކަން މި ބަޖެޓު ތެރެއިން ހައްލުވެގެންދާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށް ޝަމީޒް ވިދާޅުވި އެވެ. އެހެން ނަމަވެސް، ބަޖެޓުގައި އަކުރުތަކެއް ޖަހާފައި އޮތް ނަމަވެސް އެކަން ތަންފީޒު ނުކުރެވޭނަމަ، ބަޖެޓަކީ ހަމައެކަނި ޖަހާލާ އަދަދުތަކެއް ކަމުގައި ވެގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"3،000 މީހުންގެ އާބާދީއެއް މިއަދު އެއޮތީ ނަރުދަމާގެ އެއްވެސް ކަހަލަ ހިދުމަތެއް ނުލިބި. ދެން އަޅުގަނޑުމެން އަތްޖަހާފަ ހަމަ ގޮވަން ވީތޯ. އަޅުގަނޑުމެންނަކަށް ނެތް އަތް ޖެހޭކަށެއް." ޝަމީޒް ވިދާޅުވިއެވެ.

މި ވާހަކަތަކަށް ފަހު، ޝަމީޒް ވަނީ ސަރުކާރުން މި ފަހުން އެއް ދުވަސް ތެރޭގައި އެލްއޯއޭ (ލެޓަރ އޮފް އެވޯޑް) ދޫކުރި 206 މަޝްރޫއުގެ ތެރޭގައި އޭނާގެ ދާއިރާގެ ބައެއް ކަންކަން ހިމެނޭތީ އުފާކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް